މީގެ ހަ ވަރަކަށް އަހަރު ކުރިން ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، އެތަން ކޮންނަނިކޮށް ރިހި ފައިސާތަކެއް ފެނުނު ވެލިފުނި ގެއްލިފައިވާ ކަމަށް ކުރީގެ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތްއިރު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިޔުމުން ޖަވާބު ހޯއްދެވުމަށް މީގެ އަހަރެންހާ ދުވަސް ކުރިން ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައެވެ.

އެ ސުވާލާ ގުޅިގެން 2022 މިނިސްޓަރު މަޖިލީހަށް ޖަވާބު ފޮނުއްވި ނަމަވެސް އެ ޖަވާބު އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

އެ މައްސަލައިގައި ބޮންޑޭ، މިނިސްޓަރާ ސުވާލު ކުރައްވާފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސަލްޓަންޕާކު ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން އެތަން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އެކި ގައުމުގެ ގިނަ އަދަދެއްގެ ފައިސާ ފޮތިތަކެއް އޭރު އޮތް ހެރިޓޭޖް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށަށް ދިރާސާކުރުމަށް ގެންދިޔަ ކަމަށެވެ.

އެެެހެންވެ އެ ފައިސާ ފޮތިތަކުގެ ޖުމުލަ އަދަދާއި ފައިސާ ފޮތިތަކުގެ އުމުރުންވެފައިވާ ދުވަހާއި ކޮނުމުގެ ތެރެއިން ފައިސާ ފޮތިތައް ނޫން އެހެން އެއްޗެއް ނުވަތަ މައުދަނީ ބާވަތެއް ނުވަތަ އާސާރެއް ފެނިފައިވާނަމަ ވަކިވަކިން އެ ތަކެތީގެ މައުލޫމާތު ހޯއްދެއްވުމަށް ބޮންޑޭ އެދިވަޑައިގެންނެވިއެވެ.

އެް ސުވާލުތަކަށް ޔުމްނާ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ، ސަލްޓަން ޕާކު ތަރައްގީކުރުުމުގެ މަޝްރޫއުގެ ތެރެއިން ޕާކުގެ ލިލީ މަގަށްވާ ފަޅިން ރިހި ފައިސާ ފޮތިތަކަކާއި މުށި ސީނުތަށި ތަކަކާއި ގުޅިއެއްގެ ބައިތައް ފެނިފައިވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސްގެ ފަރާތުން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް 15 ޖޫން 2017 ގައި އަންގާފައިވާ ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން އެ ޑިޕާޓްމަންޓްގެ ޓީމެއް ސަލްޓަން ޕާކަށް ގޮސް ބަލައި ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނި ފުރާނައިގެން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ހޯދި ކަމަށާއި އެ ވެލިފުނި ފުރާނައިގެން އިތުރު ފައިސާ ފޮތި ފެނިދާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް އެ މަސައްކަތުގައި އުޅުނު މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށްވެސް ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ސަލްޓަން ޕާކުގައި ކުރި މަސައްކަތުގައި ފެނިފައިވާ 43 ފައިސާ ފޮއްޗެއް 18 އޮކްޓޯބަރު 2017 ގައި ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހެރިޓޭޖާ ހަވާލުކޮށްފައިވާކަން ރެކޯޑްތަކުން ފެންނަން އެބަ އޮތް ކަމަށާއި އެހެންކަމުން ޖުމުލަ 139 ފައިސާފޮތި ގައުމީ ދާރުލްއާސާރުގައި އެބަ އޮތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނު ތަށިތަކެއްގެ ބައިތަކަކާއި ގުޅިއެއްގެ ބައިތަކަކާއި ލޯތާހެއް 19 ޖުލައި 2017 ގައި ގައުމީ ދާރުލްއާސާރަށް ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"މި ތަކެތި ލިބުމާއެކު އާސާރި ތަކެތީގެ ރަޖިސްޓްރީގައި ހިމަނައި މި ވަގުތު މި ތަކެތި ބެހެއްޓިފައި ހުރީ އާސާރީ ތަކެތި ބެހްޓުމަށް ހާއްސަ ކުރެވިފައިވާ ޝޯރޫމުގައި އަދި މި ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބުނެފައިވޭ،" ޖަވާބުގައި ވިދާޅުވެފައިވެއެވެ.