މާލެ ފިޔަވާ، ދެން ހިމެނޭ ހަތަރު ސިޓީން ޕާސްޕޯޓް ދޫކުރުން ދެގުނަ އަވަސްކުރުމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފިއެެވެ.

އައްޑޫ ސިޓީ އިމިގްރޭޝަން އޮފީހުން މީގެ ކުރިން ޕާސްޕޯޓް ދޫކުރަނީ ހަފުތާއަކު ދެ ދުވަހުއެވެ. އަދި ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެ ކުރިން ޕާސްޕޯޓް ފޮނުވަމުން ދިޔައީ ހަފުތާއަކު އެއް ފަހަރެވެ.

މޯލްޑިވްސް އިމިގްރޭޝަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެގޮތަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކަަމަށެވެ. އެގޮތުން މިއަދުން ފެށިގެން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުކޮށްފައިވާ ހަތަރު އަތޮޅުން ޕާސްޕޯޓް ދޫކުރުން ދެގުނަ އަވަސް ވެގެންދާނެ ކަމަށް ބުންޏެވެ.

އެގޮތުން ގެންނަ ބަދަލާއެކު އައްޑޫ ސިޓީ އިމިގްރޭޝަން އޮފީހުން ހަފުތާއަކު ހަތަރު ދުވަހު ޕާސްޕޯޓް ފޮނުވަން ނިންމާފައިވާއިރު، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓް ފޮނުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހި ޕާސްޕޯޓަކީ ވީހާވެސް ފަސޭހައިން ނެގޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ އެއްޗަކަށް ހެދުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.