ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ވާހަކަދައްކަވަމުން ނާއިބު ރައީސްކަމުގެ މަަގާމުން އީވާ އިސްތިއުފާ ދެއްވައިފިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ.
މަޖިލީހަށް މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި އީވާ މަޖިލީހަށް ހޮވިވަޑައިގެންފައިވާއިރު، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނާނެކަމަށް އިގުރާރެއްގައި ސޮއި ކުރައްވާފައިވާ ކަމަށެވެ. އެމްޑީޕީން ހުށަހަޅައިގެން އެ ޕާޓީގެ މެންބަރުން ވޯޓު ދެއްވައިގެން މަޖިލީހުގެ ނާއިބު ރައީސްކަމަށް އީވާ އިންތިހާބު ކުރީ، ރައްޔިތުންނަށް ކޮށްދިނުމަށް އެމްޑީޕީން ވައުދުވި ކަންތައްތައް ކޮށްދިނުމަށް އެއްބާރުލުން ދިނުމަށާއި، އިހުލާސްތެރިކަމާއެކު އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް ވިދާޅުވިއެެވެ.
ނަމަވެސް އަމިއްލަފުޅަށް އީވާ އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނީ، ސޮއި ކުރެއްވި އިގުރާރާ ހިލާފަށް ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އީވާ މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މަޖިލިސް ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުރަސް އަޅުއްވައި، އީވާ އަކީ ރައީސް ނަޝީދުގެ ދެބެއިންގެ ދެދަރި ބޭފުޅަކަށްވާއިރު، އެ މަނިކުފާނު މަގާމުން ވަކި ކުރެއްވުމުގެ ޖަލްސާއާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށް އެ މައްސަލައިގައި ތަނާޒުލުވާން އީވާ އިންކާރު ކޮށްފައި ވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފަށް، ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން އޭނާ ވަކި ކުރަން ހުށަހެޅީ، ކުރީގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ، ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނުމުން ކަމަށެވެ. އެ މައްސަލައަކީ އެމްޑީޕީ ސަރުކާރުން އީވާއާ މެދު ވަރަށް ބޮޑަށް ނުރުހި، އެމްޑީޕީ ދެކެ އީވާވެސް ވަރަށް ބޮޑަށް ނުރުހޭ ސަރުކާރަކަށް ވެގެން ކަމަށެވެ.
އޭނާ މަގާމުން ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ކޮވިޑް ދުވަސްވަރު ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ ވާހަކަ ދެއްކުމާއި، ދައުލަތުގެ ދަރަނި އަލުން އެކުލަވައިލާނެ ކަމަށް ބުނަމުން އައި އެމްޑީޕީގެ ސަރުކާރުން އެކަން ނުކުރި ވާހަކަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތް ނުބެލުނު ވާހަކައާއި މަރުތަކަށް އިންސާފު ހޯދައި ނުދެވުނު ވާހަކަ ދެއްކުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ގާތް މީހުންގެ ރޭޕްކޭސްތައް ހުއްޓުވުމުގެ މަސައްކަތާއި ބޯހިޔާވަހިކަން ލަސްވާ މައްސަލައިގެ ވާހަކަ ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ނާއިބު ރައީސް ކަމުން ވަކިކުރަން އޭނާގެ މައްސަލަ ހުށަހެޅީ ކުރީން ވިދާޅުވި ކަންކަމަށް ދޭ އަދަބެއްގެ ގޮތުން ކަމަށެވެ. ސަރުކާރުން ހިންގި ނާޖާއިޒު ކަންކަމުގައި ބައިވެރިވުން، ނުވަތަ އެ ކަންތައްތަކުގެ އަޑު ނީވޭކަމަށް ހައްދަވައިގެން އިންނެވި ނަމަ މިއަދު ވެސް މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމުގައި އިންނެވުނީސް ކަމަށާއި ނަމަވެސް އެގޮތް ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކި މީހުން ކާމިޔާބު ފާހަގަކުރަނީ އެކިގޮތަށް ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ، ނިސްބަތްވެވަޑައިގަންނަވާ ދާއިރާ، ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ކުރައްވަމުން ގެންދަވާ އިތުބާރު ކަމަށާއި، ނަފްސުގެ ގަދަރާއި އިއްޒަތް ކަމަށާއި، ފައިސާ ފޮއްޗަކަށް ނުވިކޭނެ ކަމަށް އޮތް އިތުބާރު ކަމަށެވެ.
ދެން ވިދާޅުވީ އިރުކޮޅަކުން އޭނާގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އީވާ އެހެންވިދާޅުވުމުން، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިސްތިއުފާގެ ސިޓީ އިދާރީ މޭޒާ ހަވާލު ކުރައްވައިފައެވެ.
އެހިސާބުން މައްސަލައަށް ބަހުސް ކުރަން ބޭނުންވާ މެންބަރުން ފުރުސަތަށް އެދުމުގެ ފުރުސަތު މަޖިލީހުގެ ރައީސް ހުޅުވައިލެއްވިއެވެ. ނަމަވެސް ފަހުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، އީވާގެ އިސްތިއުފާގެ ސިޓީ މިއަދު 9:42ގައި ލިބިވޑައިގެންފައިވާ ކަމަށެވެ.
އީވާގެ އިސްތިއުފާގެ ސިޓީގައި ހަމައެކަނި ވިދާޅުވެފައިވަނީ، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ)ގެ ދަށުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށާއި އެކަން މަޖިލިސް ރައީސަށް އަންގަވާ ކަމަށެވެ.
އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އިތުރުފުޅު ހައްދަވައި ހިތުހުރިހާ ވާހަކަތަކެއް ދެއްކެވުމަށްފަހު، އީވާ އިސްތިއުފާ ހުށަހެޅުއްވި ނަމަވެސް ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓަކަށް މަޖިލީހަށް އެޖެންޑާކޮށް ޖަލްސާ ބާއްވައި، ޖަވާބުދާރީ ވެއްޖެނަމަ އެކަން ނިންމަ ންޖެހޭނީ ޖަލްސާއިން ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ބަހުސް ކޮށް ގޮތެއް ނިންމަން ޖެހޭނީ ބަހުސްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެގޮތަށް އެހެން ބައެއް މެންބަރުންވެސް ފާހަގަ ކުރެއްވިއެވެ.
ނަމަވެސް މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، މަޖިލިސް ގަވާއިދުގައި އޮންނަނީ، އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން ނާއިބު ރައީސް އިސްތިއުފާ ދެއްވީ ކަމަށެވެ. އެއާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އެއްވެސް މާއްދާއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ނިންމެވުމަށްފަހު އެ މައުލޫގައި ވާހަކަ ދައްކަން އިތުރު ފުރުސަތެއް އަސްލަމް ނުދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު