އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއް ދެމެދު މިއަދު ހިންގި ގުރޫޕް މާރާމާރީއާ ގުޅިގެން އެ ސިޓީއަށް މާލެއިން އިތުރު ފުލުހުން ފޮނުވަން ނިންމައިފިއެވެ.

ފުލުހުން މިރޭ ބުނީ، މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީއާއި ރޭ އައްޑޫގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމުތަކެއް އައްޑުއަށް ފޮނުވަން ނިންމައި، އައްޑޫގެ މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އައްޑޫގައި ރޭ ހިނގި ގްރޫޕް މާރާމާރީގައި 30 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. އޭނާގެ ހާލު ސީރިއަސްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ މާލެ ގެނެސްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލޭ ރާޅުގަނޑު ސަރަހައްދުގައިވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދު މާރާމާރީއެއް ހިންގައިފައެވެ. އެ މާރާމާރީއާ ގުޅޭ ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވާއިރު އެ މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.