މުޅި ރާއްޖޭގައި ފަސް މިލިއަން ރުއްގަސް އިންދުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބައީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ 28 ވަނަ ސަމިޓުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ވެއްޓަކީ، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްގެ ގޮތުގައި ބޭއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ މުރަކަ އާއި މަސްމަހާމެހި، ރުއްގަސް އަދި ދޮންވެއްޔަކީ، މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރާ މުހިންމު ބާވަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށްތަކަކީ، ވިލުންވެރި، ސާފު ފެހި މާހައުލަކަށް ހެދުމަށް އަޅުގަނޑު އިސްކަން ދެން. އަޅުގަނޑު، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގުމަށް ވައުދުވަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު ހުރީ ހަތަރު ޕަސަންޓުގައި ކަމަށެވެ. އެ އަދަދު 33 ޕަސަންޓަށް އިތުރުކުރުމަށް 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައިން 33 ޕަސަންޓު ކަރަންޓު އުފެއްދުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ނާންނަހާ ހަލުވިމިނެއްގައިި މޫސުމަށް ބަދަލު އަންނަމުންދާ ކަމަށާއި އެހެންކަމުން ވަކި ގަވާއިދެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން މަޑުކުރެވެން ނެތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުން މާލީ އެހީ ނުލިބި ރާއްޖެއިން އަމާޒުހިފާއިވާ ލަނޑުދަނޑި ހާސިލުނުވާނެ ކަމަށާއި ދުނިޔޭގެ މާލީ ނިޒާމު މިހާރު ހިނގަމުންދާ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށެވެ.

މޫސުމީ ބަދަލުގެ ކަންކަމަށް ފައިސާ ލިބޭނެ ގޮތް ފަސޭހަވާން ޖެހޭނެ ކަމަށާއި ފައިސާ ދިނުމުގައި މިހާރު ބަލަމުންދާ މިންގަނޑުތައް މުރާޖާކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.