މާލޭގެ އެއް މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާމެދު ހިޔާލު ހޯދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުޅުވާލައްވައިފިއެވެ.

ޝަހީމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ އެހެން ގައުމުތަކުގެ މުސްލިމުން ދިރިއުޅެމުންދާ ކަމަށެވެ.

"މިހެންކަމުން މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔުމާމެދު ރައްޔިތުންގެ ހިޔާލު ބަލާލަން ބޭނުން،" ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތްތެރިންގެ އަހުލާގު އަދި ދީންވެރިކަން އިތުރުކުރުމަށް އެ މީހުން ދަންނަ ބަހަކުން ހުތުބާ ކިޔުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޝަހީމްގެ އެ ޕޯސްޓަށް ކޮމެންޓު ކުރި ބަޔަކު ވަނީ އިނގިރޭސިބަހުން ކޮންމެވެސް އެއް މިސްކިތެއްގައި ހުތުބާ ކިޔުމަށް ތާއީދުކޮށްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސްއިން އާންމުކުރި މިއަހަރުގެ ބޯހިމެނުގެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި 97،164 ބިދޭސިން ދިރިއުޅެއެވެ. އޭގެ ތެރެއިން 32,470 މީހުން ދިރިއުޅެނީ މާލޭގައި ކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.