ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް އެ ގައުމާއެކުގައި ބާއްވަމުން އަންނަ ބައްދަލުވުންތައް ކާމިޔާބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްލޫމްބާގް ޓެލެވިޒަންގެ "ލެޓިޓިއުޑް" ޕްރޮގްރާމަށް މިއަދު ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެހެން ގައުމެއްގެ ބާރު ރާއްޖޭގެ މައްޗަށް ހިނގުމަށް ދިވެހިން ނޭދޭ ކަމަށާއި ދިވެހިން ބޭނުންވަނީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާގެ 75 ސިފައިން ފޮނުވާލުމަށް އެ ގައުމުގެ ހައި ކޮމިޝަނަރާ އެކު ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ދެތިން ބައްދަލުވުން ބޭއްވިއްޖެ ހައި ކޮމިޝަނާއެކުގައި. ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް އެއީ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިންޑިއާގެ 75 ސިފައިން އަނބުރާ ގެންދިއުމަކީ އެ ގައުމަށް އުނދަގޫކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެކިއެކި ޓެކްނިކަލް މީހުން ރާއްޖެ ގެނެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އާދަކާދަތަކާއި އިންޑިއާގެ އާދަކާދަތަކާވެސް އެއްގޮތް. އަޅުގަނޑުމެން އިންޑިއާއާ މައްސަލައެއް ޖެހިގެން ނޫން މި އުޅެނީ. އަޅުގަނޑަށް ވަރަށް މީރު އިންޑިއާގެ ކާނާވެސް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާ-ޗައިނާގެ ކޯޅުމުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށާއި އެ ކަމުގެ ތެރެއަށް ވަނުމަށްވުރެ ރާއްޖެއަކީ ކުޑަ ގައުމެއްް ކަމަށެވެ. އަދި ރާއްޖެއިން ކޮންމެ ގައުމެއްގެ މިނިވަންކަމަށް އިހުތިރާމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.