ކަލާފާނު ސްކޫލުގެ ލީޑިން ޓީޗާސް ރޫމަށް ހުއްދަނެތި ވަދެ އެތަނުގެ މޭޒުތަކާއި ކުޑަދޮރުތަކަށް ގެއްލުން ދިން މީހަކު ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މިއަހަރުގެ އޮގަސް ޓުމަހުގެ ނުވަނަ ދުވަހުގެ 4:42 އެހާކަންހާއިރު ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމް ވަނީ ކަލާފާނު ސްކޫލުގެ ލީޑިން ޓީޗާސް ރޫމަށް ވަދެ އެތަނުގެ ކުޑަދޮރުތަކާއި އެ ތަނުގައި ހުރި މޭޒުތަކަށް ގެއްލުންދީފައެވެ.
މުހައްމަދު އަސްލަމްގެ އެ އަމަލުތަކަކީ "ދިވެހިރާއްޖޭގެ ގާނޫނުއުގޫބާތު" ގެ ދަށުން މަނާކޮށްފައިވާ ކަންކަމަށްވާތީ ދައުލަތުގެ ފަރާތުން ވަނީ މުހައްމަދު އަސްލަމްގެ މައްޗަށް، މުދަލަށް ގެއްލުންދިނުން އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
މުހައްމަދު އަސްލަމްގެ މައްޗަށް ކުރި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެއީ ޖުނުހުގެ މިންގަނޑުން އެއްވަނަ ދަރަޖައިގެ ކުށެކެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި މުހައްމަދު އަސްލަމްގެ މައްޗަށް އިތުރު ކުށެއް ސާބިތުވެފައިވާތީ އާއި މިހާރު ދައުވާ އުފުލިފައިވާ އިތުރު ކުށެއް މުހައްމަދު އަސްލަމް މިއަހަރުގެ ތެރޭގައި ކޮށްފައިވާތީ އަދަބުގެ ދަރަޖަ އެއް ދަރަޖަ މަތިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ނަމަވެސް މުހައްމަދު އަސްލަމް ކުށަށް އިއުތިރާފުވެއްޖެނަމަ އަދަބުގެ ދަރަޖައިން އެއް ދަރަޖަ ދަށްވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގައި މުހައްމަދު އަސްލަމް މައްޗަށް ކަނޑައެޅޭނެ އަދަބަކީ ހަ މަސް ދުވަހަށް ޖަލަށްލުން ކަމަށެވެ.
ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތްތަކުގައި އަދަބު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު މި މައްސަލައަށް ތަތުބީގުކުރާ އިރު، މުހައްމަދު އަސްލަމް ކުރި ކުށަށް އަދަބު ކަނޑައެޅިގެންދާނީ ކުށުގެ އަދަބުގެ ދެބައިކުޅަ އެއްބައި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އެހެންކަމުން އެއީ ތިން މަސް ދުވަސް ކަމަށާއި އަދި މުހައްމަދު އަސްލަމް ބަންދުގައި ހުރި މުއްދަތު އުނިކުރަން ޖެހޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވެ މުހައްމަދު އަސްލަމް އެދުނީ އޭނާގެ މައްޗަށް ވީހާވެސް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށެވެ. އެހެންވެ އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރީ ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެކެވެ.
މުދަލަށް ގެއްލުންދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. ކުށަށް އިއުތިރާފުވެއްޖެނަމަ އަދަބުގެ މިންގަނޑުން އެއް ދަރަޖަ ތިރިވާނެއެވެ. އެ ދައުވާއަށް މުހައްމަދު އަސްލަމް އިއުތިރާފުވެފައެވެ. އެހެންވެ އެ މައްސަލައިގައި ކުރި ހުކުމުގައި ބުނީ ކުށް ސާބިތުވެފައިވާތީ މުހައްމަދު އަސްލަމް ހަތަރު މަހާއި އަށް ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އާއިޝަތު ނުޒުހާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު