ތުރުކީއަށް ކުރެއްވި ދަތުރުފުޅާއެކު ރާއްޖެ-ތުރުކީ ގުޅުމުގެ މުޅީން އާ ބާބެއް ފެށިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވިކަން ހާމަކުރައްވައި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ތުރުކީއަށް ކުރެއްވި ދަތުރުފުޅަކީ އިންތިހާއަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅާ އެކު ރާއްޖެ-ތުރުކީ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެ ގަައުމުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ޕޯސްޓުގައި ރާއްޖެއަށް ބާއްވަވާ ހާއްސަ ގާތްކަމަށްޓަކައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް ވަނީ ޝުކުރު ދަންނަވައިފައެވެ.

ރައީސް މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ތުރުކީއަށް ފުރާވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ދަތުރުފުޅުގައި ތުރުކީގެ ރައީސް އުރުދުގާންއާ ރައީސް މުއިއްޒު ބައްދަލުކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގުތިސާދީ ގުޅުން ގާއިމުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.