ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ، ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން އެންގީ، ޕޯޓަލްގެ ތެރެއިން ކޮންމެވެސް ދިމާލަކުން، މީހުންނަށް ލިބިފައިވާ މާކްސް ބަދަލު ކުރާކަން ފާހަގަކުރެވިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނުމުން އެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރައްދު ދެއްވައިފިއެވެ.

ފްލެޓަށް ހޮވުނު ފަރާތްތަކަށް ފްލެޓު ދިނުން އޭސީސީން ހުއްޓުވުމާއި އެ މަސައްކަތް ތަހުހީގު ކުރުން ލަސްވަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން މިއަދު ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.

އެގޮތުން ފްލެޓު ދިނުން ހުއްޓުވި މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފްލެޓު ދިން ގޮތާމެދު ހިތްހަމަނުޖެހިގެން 300 އަށްވުރެ ގިނަ މީހުން އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށެވެ. އެކަމުގެ ތަފުސީލު ދެއްވަމުން ކޮމިޝަންގެ ނާއިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ، ފްލެޓު ޕޯޓަލްއަކީ އޮޓަމެޓިކުން މާކްސްއަށް ބަދަލު އަންނަ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް ނަމަވެސް ކޮންމެވެސް ދިމާލަކުން އެއަށް ވަދެ، މާކްސްއަށް ބަދަލު ގެންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މި ޕޯޓަލްއަކީ ހުށަހަޅާ މައުލޫމާތާއެކީ އޮޓޯއިން މާކްސް ޖެނެރޭޓްވާ އެއްޗެއް، ނަމަވެސް މާކްސްތައް އެޕްރޫވަލް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރާ ފަރާތްތަކުން މާކްސް ބަދަލުކޮށްފަ ހުންނަކަން އެބަ ފާހަގަވޭ، މިސާލަކަށް ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ފުރިހަމައެއް ނުވޭ، އެހެންކަމުން ހަމަ ސިސްޓަމުން އޮޓޯ ޖެނެރޭޓްވާނެ ޝަރުތު ހަމަނުވާ ކަމަށް، ނަމަވެސް އެޕްރޫވަލް ލެވެލުން ޝަރުތު ފުރިހަމަވާ ކަމަށް ބަދަލުކޮށްފަ އޮންނަ ކަމަށް ފާހަގަވަނީ،" އަބްދުއްސަލާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލޭގައި ދިރިނޫޅޭ ފަރާތްތައްވެސް ޝަރުތު ފުރިހަމަވާ ކަމަށް ނިންމައި ފްލެޓު ލިބިފައިވާ ކަމަށް ކަނޑައަޅާފައި އެބަހުރި ކަމަށެވެ.

"މިސާލަކަށް އެޕްލައިކުރާ ފަރާތަކުން ހުށަހަޅާ ލިޔުމުގައި އެ ބޭފުޅަކު ދަރިއަކު ނެތް ކަމަށް އެބަޖަހާ، ޑީއެންއާރު ސިސްޓަމުންވެސް އެބަ ދައްކާ ދަރިއަކު ނެތް ކަމަށް ނަމަވެސް ދަރިއަކު ހުންނަ ކަމަށް މާކްސް ދެންޏާ އެއިން މައްސަލަތަކެއް އެބަ ފާހަގަވޭ، އެހެންވީމަ އެބަ އެނގޭ ކޮންމެވެސް ދިމާލަކުން އެ ޕޯޓަލް ތެރެއިން މާކްސް އެބަ ބަދަލުކުރާކަން، މި ކަހަލަ ކަންތައްތަކެއް އެބަ ފާހަގަވޭ، އަދި ލިޔެކިޔުންތަކުން މާލޭގައި ދިރިއުޅޭ ފަރާތެއް ނޫންކަން ކަށަވަރުވާއިރު އެފަދަ ފަރާތްތައްވެސް އެބަހުރި ޝަރުތު ފުރިހަމަވާ ކަަމަށް ހަދައި ފްލެޓު ލިބިފަ،" އަބްދުއްސަލާމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެކްސްގައި އަކްރަމް މިރޭ ވިދާޅުވީ، ފްލެޓަށް ޝަރުތު ހަމަވާކަށް، މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާކަށް ނުޖެހޭ ކަމަށެވެ. އަދި ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެ ފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.

"ޝަރުތު ހަމަނުވާ ފަރާތަކަށް ގިނައިން ޕޮއިންޓު ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ. އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް، އެހެނީ އެކަން ރަނގަޅަށް ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މި ދެންނެވި ސިޔާސީ ކުލަޖެހުން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ފްލެޓަށް ޕޮއިންޓު ދިނުމުގައި ސިސްޓަމް ސްކޯ އަކާއި ވެރިފިކޭސަން ސްކޯއެއް ނޯންނާނެ ކަމަށެވެ. އަދި ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިވާ އޮޕްޝަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވެރިފަރާތް ޑިސައިޑް ކުރަނީ ފޯމުގަ ދީފަ ހުރި މައުލޫމާތަށް ބަލައި އޮޕްޝަން ނަގާފަ އިނީ ރަނގަޅަށްތޯ، ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތައް ބަލައި ވެރިފަރާތް އޮޕްޝަން ޑިސައިޑްކުރާނެ،" އަކްރަމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓުގެ މަހު ކުއްޔަކީ 7000 ރުފިޔާ އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ.

ކުލި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމުލަ މަހުގެ އަދަދަކީ 300 މަހެވެ.