މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރެޕިޑް ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އެޕަށް އާރްޓީއެލް ވޮލެޓު ތައާރަފުކޮށްފިއެވެ.

އެ ފީޗާ ތައާރަފްކޮށް އެމްޓީސީސީގެ އެކްސް އެކައުންޓުގައި ވީޑިއޯއާއެކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ ބޭންކު ކާޑުތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު އާރްޓީއެލް ވޮލެޓް ޓޮޕްއަޕް ކުރެވޭނެ ކަމަށެވެ. އެ ފީޗާ ބޭނުން ކުރެވޭނީ އެޕުގައި ރަޖިސްޓާ ކޮށްފައިވާ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ވެރިފައިކޮށްފައި ތިބޭ ކަސްޓަމަރުންނަށެވެ.

ވޮލެޓަށް ފައިސާ ޖަމާކުރުމުން ކޮންމެ ކަސްޓަމަރަކަށް ކިއުރާރް ކޯޑެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެޕްގެ "ސްކޭން އެންޑް ޕޭ" ބަޓަންއަށް ފިތާލައިގެން އެ ފީޗާ ބޭނުންކުރާ އިރު، ސްކޭން ކުރެވޭނީ ދަތުރަށް ވާވަރަށް ވޮލެޓްގައި ފައިސާ ހުރެގެންނެވެ.

އާރްޓީއެލް ވޮލެޓު ލޯންޗުކުރި އިރު، މިހާރު ބޭނުންކުރާ ޓޮޕްއަޕް ކާޑު ބޭނުން ކުރެވޭ މުއްދަތު ހުކުރު ދުވަހަށް ހަމަވާނެއެވެ. ޑިސެމްބަރުގެ ފަހުން ބޭނުން ނުކުރެވޭ ގޮތަށް ހެދީ މާލެ ސަރަހައްދުގެ ފެރީތަކަށާއި ބަސްތަކުގައި ކާޑު ޓެޕްކޮށްގެން ޓިކެޓް ނެގުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން މިދިޔަ މަހު ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ގާއިމު ކުރުމުންނެވެ.

އެ ސިސްޓަމް އާއެކު އާރްޓީއެލް އެޕަށްވެސް ބޮޑު ބަދަލުތަކެއް ގެނައި އިރު، އާރްޓީއެލް އެޕް މެދުވެރިކޮށް ޓިކެޓް ނެގޭ ގޮތަށްވެސް ހެދިއެވެ. އާރްޓީއެލް އެޕް މެދުވެރިކޮށް ނަގާ ޓިކެޓްތަކަށް ލިބެނީ ސްކޭން ކުރަން ޖެހޭ ކިއުއާރް ކޯޑެކެވެ.