ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރު ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮޔާ އެކު މިމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރުންނާއި އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)ގެ ސޮޔެވެ.

އެ ގަރާރު ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމުގެ މައްސަ މަޖިލީހަށް ބަލައިގަނެ އެ މައްސަލައިގެ ނޯޓިސް މަޖިލިސް މެންބަރުންނަށް ފޮނުވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނޯޓިސް ފޮނުވާތާ 14 ދުވަހަށް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ. ނޯޓިސްގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން އީވާ ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވާން 30 މިނިޓްގެ ފުރުސަތެއް ދޭން މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ކޮންމެ މެންބަރަކަށް ތިން މިނެޓް ދޭން ވެސް ވަނީ ފާސްކޮށްފައެވެ.

މީގެ ކުރިންވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހެޅި މައްސަލަ ވެސް އެޖެންޑާ ނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހިފެހެއްޓުމުގެ ސަބަބުން ހިނގައިދިޔަ އިހުތިޖާޖާއި ހަމަނުޖެހުމުގެ ތެެރެއިން، މިމަހުގެ 13 ވަނަ ދުވަހު އެ މަނިކުފާނު ވަނީ މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.