ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފުލެޓުތަކުގެ ވެރިންނަށް 200،000 ރުފިޔާ ދޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ހިޔާ ފުލެޓުތަކުގެ ފިނިޝަން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފުލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އެ ބަދަލު ނުދޭން ނިންމާފައިވާ ކަމަށްބުނެ، ސޯޝަލް މީޑިއާގައި ވަނީ ދާދިފަހުން ހަބަރުތަކެއް ފެތުރިފައެވެ.
އެކަން ދޮގުކުރައްވައި އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު ފަޒުލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފުލެޓު ހަދަން ހަރަދުކުރި ފައިސާ ހިޔާ ފުލެޓުގެ ވެރިންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އެޅި ހިޔާ ފުލެޓުތައް ހަވާލުކުރި އިރު، ފިނިޝިންގެ މަސައްކަތްތައް ނުނިންމައި ހުރުމުން، އެ މަސައްކަތްކުރަން ޖެހިފައިވަނީ ފުލެޓުތައް ލިބުނު ފަރާތްތަކުން އަމިއްލައަށެވެ. އެހެންކަމުން އޭރު ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ގިނަ ހަރަދުތަކެއް ކުރަން ޖެހިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ހިޔާ ފުލެޓުގައި އިތުރު ލިފްޓު ހަރުކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 200 މިލިއަން ރުފިޔާ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު