މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

އިސްލާމީ ޝަރީއަތުގައި ދަރިންގެ ނަސަބު ސާބިތުކުރަން އޮންނަ އުސޫލުތަކުގެ ބޭރުން މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ދައުލަތުން ހުށަހެޅީ އިންޑޮނޭޝިއާގެ އަންހެނަކު ރާއްޖޭގައި ވިހެއުމަށްފަހު ދޫކޮށްލާފައި ދިޔަ ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށްޓަކައި ކަމަށް ބުނެއެވެ. އެ ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް ބެލެވުނަސް އެކަން ކަށަވަރުވެފައެއް ނުވެއެވެ.

އެހެންވެ، އެ ކުއްޖާގެ ބައްޕައަކީ ދިވެހި ފިރިހެން މީހާކަން މަދަނީ މިންގަނޑު ސާބިތުކުރަން ދައުލަތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓާއި ހައިކޯޓުންވެސް ނިންމީ އެ ގޮތަށް ދަރިންގެ ނަސަބު ސާބިތު ނުކުރެވޭނެ ކަމަށެވެ. އެކަމާ ހިތްހަމަނުޖެހި، ހައިކޯޓުގެ ނިންމުން، ކުރީ ސަރުކާރުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ އިތުރަށް މުރާޖާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ދިވެހި ރައްޔިތުކަން ދެވޭނީ ދިވެހި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ލިބޭ ދަރިންނަށެވެ.