ރ. ދުވާފަރުގައި ކޮރަލް ގާޑެން ނާސަރީއެއް ގާއިމުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްމޯލް ގްރާންޓްސްގެ ދަށުން އެހީ ފޯރުކޮށްދީފިއެވެ.
ބީއެމްއެލުން މިއަދު ބުނީ، އެކުންފުނީގެ ސްމޯލް ގްރާންޓްސްގެ ދަށުން، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމަންޓް (ވީއޭއެފްޑީ) އިން އިސް ނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި މަޝްރޫގެ މައިގަނޑު މަގުސަދަކީ، މުރަކަ ފަރުތައް ހިމާޔަތްކޮށް އަލުން އާރާސްތު ކުރުމެވެ. އަދި ވީއޭއެފްޑީން ހިންގާ މި މަޝްރޫއުގައި މުރަކަތަށް ހައްދައި، ރަށުގެ ފަޅުގެ އެކި ސަރަހައްދުތަކުގައި އަލުން މުރަކަ އިންދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
މީގެއިތުރުން ސްކޫލް ކުދިންނަށާއި އާންމުންނަށް މި ޕްރޮގްރާމަށް ހިތްވަރު ދިނުމުގެ އިތުރުން ނުރައްކަލަށް ހުށަހެޅިފައިވާ މުރަކައިގެ ބާވަތްތައް ހިމާޔަތްކުރުމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވީއޭއެފްޑީން ބުންޏެވެ.
މި އެންޖީއޯގެ ވިސްނުން ހުރީ މިކަމަށް ހޭލުންތެރިކަން އިތުރުކޮށް، ކަނޑުގެ ނާޒުކު މާހައުލާއި ނުރައްކަލަށް ހުށަހެޅިފައިވާ ބާވަތްތައް ހިމާޔަތްކުރުމަށް އެންމެން ވެސް ހިތްވަރު ދިނުމަށް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ބިއެމްއެލް އަދި ވީއޭއެފްޑީއާ ދެމެދު، މުރަކަ ފަރު ހިމާޔަތްކުރުމާއި އަލުން އާރާސްތުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ވީއޭއެފްޑީ ޖަމިއްޔާއަކީ 2019 މާޗް 12 ވަނަ ދުވަހު އުފެއްދި ޖަމިއްޔާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު