ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އާ ސިޔާސީ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް) ކަމަށް އެ މަނިކުފާނު ނެންގެވި ސްޓިއަރިން ކޮމެޓީގައި އިސްކޮށް ހުންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ލީޑާޝިޕުގެ އެއްބާރުލުން ނެތް ކަމަށް ވިދާޅުވެ، ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ނިންމެވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ޔާމީންގެ ފަރާތްޕުޅުން އެކަން އިއުލާން ކުރެއްވީ އެ މަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ އަދި ސޯޝަލް މީޑިއާ އެކައުންޓްތައްވެސް އާންމުކޮށްފައެވެ.

އާ ޕާޓީގެ ފަހުގެ ތަފުސީލުތައް ހިއްސާ ކުރައްވަމުން މަލީހު މީގެ ކުރިން "ވަން" އަށް ވިދާޅުވީ، އާ ޕާޓީގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އަދި މާދަމާ ޕާޓީ އުފައްދަން ހުއްދައަށް އެދޭނެ ކަމަށް ވިދާޅުވިއެވެ.

ޖަމީލު މިދިޔަ ބުދަ ދުވަހުގެ ރޭ "ޗެނަލް 13"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފި ކަމަށާއި އެއްވެސް ކަމެއްގައި ރައީސް ޔާމީންއާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް ހިންގަވަން އެ ބޭފުޅުން ބޭނުން ނުވާ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައީސް ޔާމީން ގުޅުއްވުމުން ފޯނު ނުނަންގަވާ ކަމަށާއި މެސެޖުތަކަށްވެސް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.