ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ޕްރޮގުރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޖަމީލު ޕީޕީއެމުން ވަކިވެވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޖަމީލު ޕީޕީއެމުން މި ވަކިވެވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައީސް ޔާމީނާ ދެމެދު ޖެހުނު މައްސަލަގަނޑު ބޮޑުވެ، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީންވެސް ޕީޕީއެމުން ވަކިވެވަޑައިގެންފައިވަނިކޮށެވެ.

ޕީޕީއެމުން ވަކިވެ ވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެންނެވިކަން އިއުލާން ކުރެއްވީވެސް ޖަމީލެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީންގެ ފޯނެއްވެސް ނުނަންގަވާ، އަދި ހަމަ އެއާއެކު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީންއާ މަޝްވަރާއެއް ނުކުރައްވާ، އަދި ހަމަ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ ޕާޓީ ހިންގަން އެ ބޭފުޅުން ބޭނުމެއް ނުވޭ، މި ހުރިހާ ކަމެއް މިހެން ހުރުމާއެކީގައި އެ މަނިކުފާނުގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިރޭ ރައީސް ޔާމީން ނިންމަވާފައި މިވަނީ ޕީޕީއެމް ދޫކުރައްވަން،" ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން އިއުލާންކުރައްވައި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.

މި މައްސަަލަގަނޑުގެ ތެރެއިން ޕީޕީއެމްގެ އޮފީސް ހުސްކުރަން ވެސް އެ އޮފީސް ހުންނަ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް ވަނީ އަންގައިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީގެ އޮފީސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ އިމާރާތުގައެވެ.

ޕީޕީއެމް އޮފީސް ހިންގަމުންގެންދަނީ ހ. ހުރަފާ ގްރައުންޑް ފްލޯ އާއި އެ ގޭގެ ފުރަތަމަ ފަންގިފިލާގައެވެ.

ޕާޓީގެ އޮފީސް އިމާރާތް ހުސްކުރަން އަންގައި އެ ގޭގެ ވެރިފަރާތުން އިއްޔެ ޕީޕީއެމަށް ފޮނުވާފައިވާ ސީޓީގައި ވަނީ، ހުރަފާގޭގެ ގްރައުންޑް ފްލޯ އާއި އެއްވަނަ ފަންގިފިލާއަކީ ޕީޕީއެމުން މިހާރު ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ އެދިވަޑައިގެންނެވުމުގެ މަތިން އެމަނިކުފާނުގެ އޮފީހެއް ހިންގެވުމަށް ދޫކޮށްފައިވާ ތަނެއް ކަމަށެވެ.

ނަމަވެސް އެތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުންގެންދާކަން ފާހަގަކުރެވިފައިވާތީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އިއްޔެގެ މެންދުރު ކުރިން ތަން ހުސްކޮށް ހަވާލު ކުރުމަށް އެ ސީޓިގައި ގޭގެ ވެރިފަރާތުން ޕީޕީއެމަށް ވަނީ އަންގައިފައެވެ.

ނަމަވެސް ޕީޕީއެމްގެ އިސްފަރާތްތަކުން ފޯނު ނުނަންގަވާތީ އެކަމާބެހޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.