މިހާރު މިއޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި، ނަފާވެރި ވެރިކަމަކަށް ހެއްދުވުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމާއި ރައީސް މުއިއްޒާ ދެމެދު ސިޔާސީ މައްސަލަ ހައްލު ނުވެ، ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމުން، އެމަނިކުފާނުގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަ ކުރެއްވުމުގެ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިހާތަނަށް ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރަމުން އައި ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި މައްސަލަ އުފެދި އެ ޕާޓީން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދަވަން ނިންމެވިކަން ރައީސް ޔާމީންގެ ފަރާތްޕުޅުން އިއުލާން ކުރެއްވި ނަމަވެސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނާއި އާއްމު މެންބަރުން ގެންދަނީ ރައީސް މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެފައިވަނީ، މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މީހުން ރައީސް ޔާމީނަށް ތާއީދު ކުރައްވާކަންވެސް ފާޅު ކުރައްވަމުން ގެންދަވައެވެ.
މިހާރުގެ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފަކީ ކުރިން ޕީޕީއެމްގެ މެންބަރެއް ނަމަވެސް ފަހުން ޕީއެންސީއަށް ބަދަލުވެ ވަޑައިގެންނެވި ބޭފުޅެކެވެ. އެއީ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށެވެ.
ހިނގާ މިދިޔަ މައްސަލަގަނޑުގެ ތެރެއިންވެސް އެނާ ހުންނެވީ، ރައީސް މުއިއްޒާ އެކުގައިކަން ހާމަ ކުރެއްވުމުގެ ގޮތުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާހެން، އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ.
"މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ، ރައްޔިތުން އިހުތިޔާރު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރު އަދި އެމަނިކުފާނު އިސްކުރައްވަނީ ތިޔަ ރައްޔިތުންގެ މަސްލަހަތު ވީމާ މި ވެރިކަމަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނަވާނެ ކަމަނުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު