ގިޔާމަތް ދުވަހުން މަސްއޫލުއްޔަތުގެ ޒިންމާ އަދާކުރިތޯއާއި ހައްގުތައް އަދާ ކުރިތޯއާއި އަނިޔާ ލިބިފައިވާ މީހުންގެ ހައްގުތައް ހޯދައިދީފައިވޭތޯ ސުވާލު ވެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އަމާނާތްތެރިކަމާއި މަސްއޫލިއްޔަތު" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ކޮންމެ އިންސާނަކުވެސް ބުއްދި ފުރިހަމަވެ، ވަކި އުމުރަކަށް ދިއުމުން އޭނާއަކީ މުކައްލަފެއް ކަމަށާއި އެ ހިސާބުން އޭނާގެ އަމަލުތަކާމެދު ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ ދީނަށާއި އަގީދާއަށް ރައްކާތެރިވާން ޖެހޭއިރު، އޭނާ މީހަކާ އިންނަ ހިސާބުން އަނބިމީހާގެ ހައްގުތައް އަދާކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގާ، އެ މީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ ހަބަރު ދެއްވާފައިވާ ކަމަށެވެ. އަދި އުންމަތުގެ ބޮޑެތި އިލްމުވެރިން ދޫކޮށް، އިލްމުވެރިކަން ކުޑަ، ތަޖުރިިބާ މަދު، އަމިއްލަ ރައުޔަށް ތަައައްސުބުވާ ފަރާތްތަކުގެ ކިބައިން، ތައުލީމީ ހާސިލުކުރުމާއި ދީން އެނގުނުން ގިޔާމަތުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމް އޮޅިފައިވާ ކަމަށާއި އެ މީހުން ދެކޭގޮތުގައި އެއީ ފަހުރުވެރިކަމާއި ޝަރަފުވެރިކަން ކަމަށެވެ. ނަމަވެސް މަސްއޫލިއްޔަތަކީ ބޮޑު އަދި ބުރަ ކަމެއް ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލު ވެފައިވާ މީހާއަށް އެކަމުގެ ފާފަ ބަރުދާސްތު ކުރަންޖެހޭނެ ކަމަށް ބުންޏެވެ.

އެހެންވެ ހުތުބާގައި ވަނީ މަސްއޫލިއްޔަތަކީ ލުއިފަސޭހަ ކަމެއް ކަމަށް ހީނުކުރުމަށާއި އެއީ ހަމައެކަނި އަމުރުކުރުމާއި މަނާ ކުރުން ކަމަށް ނުދެކުމަށާއި އެއީ ބައެއްގެ މައްޗަށް އަތްގަދަ ކުރުން ކަމަށް ނުދެކުމަށް ގޮވާލައިފައެވެ.