ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޕީއެމް-ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފޯން ކޯލަށް ޖަވާބު ނުދެއްވާ ކަމަށް އެ މަނިފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު "ޗެނަލް 13"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕުގެ އެއްބާރުލުން ރައީސް ޔާމީނަށް ނެތުމުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ޔާމީންގެ ފޯނެއްވެސް ނުނަންގަވާ، އަދި ހަމަ އެއާއެކު ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީންއާ މަޝްވަރާއެއް ނުކުރައްވާ، އަދި ހަމަ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އެ ޕާޓީ ހިންގަން އެ ބޭފުޅުން ބޭނުމެއް ނުވޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އެކުލަވާލާފައިވަނީ ރައީސް ޔާމީންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށާއި ޕީޕީއެމްގެ ބޭފުޅުން ސަރުކާރުގައި މަދު ކަމަށެވެ.

"މިއީ ވަކި ބައެއްގެ ޖާހަތާއި އެއްޗެހި ބޮޑުކުރުމަށް ގެނައި ވެރިކަމެއް ނޫން އެއްވެސް ހާލެއްގައި،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ސަރުކާރުގައި ގިނައިން ތިބީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވާ ބޭފުޅުންނެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމްއާ އެއް ކޯލިޝަނެއްގައި އޮތް ޕީއެންސީންނެވެ. ރައީސް މުއިއްޒު ކެމްޕެއިނުގައި އެންމެ ގަދައަށް ދެއްކެވި އެއް ވާހަކަފުޅަކީ އެ މަނިކުފާނަކީ ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ކެންޑިޑޭޓެއް ކަމަށާއި ރައީސް ޔާމީން މިނިވަަންކުރައްވާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީން ސިޔާސީ މަސައްކަތް ކުރަމުން ގެންދަނީ ޕީޕީއެމްއާ ވަކިންނެވެ. ޕީއެންސީން ވަނީ އެ ޕާޓީގެ މަސައްކަތްތައް ކުރުމަށް އާ އޮފީހެއް ވެސް ހުޅުވައިފައެވެ.