ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އާ މިނިސްޓްރީތައް ހިމެނޭ ގޮތުން ސަރުކާރަށް އިތުރުވި ވުޒާރާތަކަށް ބަޖެޓް އެޖެސްޓްކޮށް، މަޖިލީހަށް ފޮނުވާނީ އަންނަ ހޯމަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުން އަންނަ އާދިއްތަ ދުވަހު ކުރިއަށްގެންދަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަޖެޓް ބަހުސް މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށްގެންދަން ނިންމާފައި އޮތީ މިރޭގެ ނިޔަލަށެވެ.

ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ، ބަހުސްގައި ވާހަކަދައްކަވާ ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދީގެންނެވެ. އެގޮތުން އިއްޔެއިން ފެށިގެން ވާހަކަދައްކަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކަދައްކައި ނިމެންދެން މިރެއާއެކު މަޖިލީހުގައި ބަޖެޓް ބަހުސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ނަަމަވެސް މިއަދުގެ ޖަލްސާގެ މެންދުރުފަހު ދަންފަޅީގެ ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، މިމަހު 17 ގައި ރިޔާސީ އާ ދައުރު ފެށުމާއެކު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އުފެއްދި އާ ވުޒާރާތަކުގެ ބަޖެޓް ހިމެނޭގޮތަށް، އަންނަ އަަހރުގެ ބަޖެޓަށް ބޭނުންވާ މައުލޫމާތުތައް މަޖިލީހަށް ފޮނުވޭނީ އަންނަ ހޯމަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ބަޖެޓަށް ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކައި ނިމެންދެން ޖަލްސާ ނިންމާ ނުލައި ކުރިއަށް ގެންދަން މަޖިލީހުގެ ފާސް ކޮށްފައިވާތީ، އަންނަ އާދިއްތަ ދުވަހު ބަހުސް ކުރިއަށް ގެންދަން ނިންމައި މަޖިލިސް ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަން އެދި ވަޑައިގެން މިހާތަނަށް ފުރުސަތު ލިބިވަޑައިގެންފައިނުވާ މެންބަރުންނަށް އެދުވަހު ފުރުސަތު ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި މެންބަރުން ދައްކާ ވާހަކަތަކާއި ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ޖުމުލަ 45 މިނެޓުގެ ވަގުތެއް ދޭން މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމައިފައެވެ. އެއީ ބަޖެޓް ބަހުސް ފަށާއިރު 15 މިނެޓު ބަހުސްގެ މެދު ތެރެއިން 15 މިނެޓު އަދި ބަޖެޓް ބަހުސް ނިމުމުން 15 މިނިޓެވެ.

ނަމަވެސް މަޖިލީހުގައި ބަޖެޓް ބަހުސް ފެށީ އިއްޔެ ނަމަވެސް މިނިސްޓަރު މަޖިލީހަށް ވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މިނިސްޓަރު ވާހަކަދެއްކެވުމުގެ ފުރުސަތު ރިޔާސަތުން ދެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައިވާ ގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.