ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެގެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމެޓީއަކުން ރޭ ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސަކާ އެކު ޕީޕީއެމް ޕީއެންސީ ތެރެއަށް ހެލުންގަނޑެއް އަތުވެއްޖެއެވެ.
އެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ތިއްބެވިތަން ފެނުނީ، ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އެ ކޮމިޓީގައި އެ ޕާޓީގެ ލީޑަޝިޕުން ކުރީން ފެނުނު މަޝްހޫރު އެއްވެސް މޫނެއް ނުފެނެއެވެ.
ނޫސްވެރީންގެ އެ ބައްދަލުވުމުގައި މަލީހް ވިދާޅުވީ ދިވެހި ގައުމަށް ދިމާވަމުން ދާ ދަތިތައް ހައްލު ކުރެވޭނީ ޕީޕީއެމަށް ކަމަށެވެ. ގައުމުގެ ހައްގުގައި އެތައް އަހަރެއް ވާންދެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އައީ ވެސް ޕީޕީއެމް ކަމަށާއި، މެންބަރުންގެ އުދާސްތައް ހުރި ނަމަވެސް އެ ކަންކަން ހައްލު ކުރައްވާނެކަމަށެވެ.
މި ނޫސްވެރީންގެ ބައްދަލުވުމުގައި އައްބާސް އާދިލް ރިޒާ ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން އެ ޕާޓީ ދޫކޮށް އެހެން މިސްރާބަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ގައުމަށް ހެޔޮ ގޮތްތައް ގެނައުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ. ރައީސް ޔާމީނަކީ ގައުމަށް ދެރައެއް ދޭނެ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ކޯޅުން ބޮޑުވެފައިވާއިރު، ޕީއެންސީން މިފަހުން ވަނީ އެ ޕާޓީގެ އޮފީސްވެސް ވަކިކޮށްފައެވެ. ކުރީން އެ ދެ ޕާޓީވެސް ހިންގަމުން އައީ އެއް އޮފީހެއްގައެވެ. ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ޕީއެންސީއަށް ގެންދާ ކަމުގެ އަޑުތައްވެސް ވަނީ ފެތިރިފައެވެ. އެކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
އެހެން ނަމަވެސް އަބްދުއްރަހީމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ޕީޕީއެމްގެ މެންބަރުން ކަނޑައިގެން ޕީއެންސީއަށް ވެއްދުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްގެ މަގާމަށް ވެސް ރައްޔިތުން އިންތިހާބު ކޮށްފައި މި ވަނީ ޕީއެންސީގެ މެންބަރުން ކަމަށާއި އެހެންކަމުން ޕީއެންސީއާ ގުޅިފައިވާ ރައްޔިތުންގެ އުއްމީދުތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ރައީސަކީ މިހާރުގެ ރައީސް، ރައީސް ޑރ. މުއިއްޒު އެވެ.
މުއިއްޒު "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި، ޕީއެންސީ ބޮޑުކުރައްވާން އެ މަނިކުފާނު މަސައްކަތް ކުރައްވާނެ އެވެ. އެހެން ނަމަވެސް، އެ މަސައްކަތުގެ ތެރެއިން ޕީއެންސީއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ގަބޫލުފުޅު ކުރައްވަނީ ދެ ޕާޓީ ގުޅިގެން ކުރިޔަށް ދެވޭނެ ކަމަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން، ޕީޕީއެމް ހިންގަވަން ނެންގެވި ސްޓިއަރިން ކޮމެޓީއެއް ކަމަށް ބުނެ މި ކޮމެޓީން ރޭ ޕްރެސްއެއް ބޭއްވި އިރު، މި ބައްދަލުވުމުން ރައީސް ޔާމީނެއްވެސް ނުފެނެ އެވެ. އަދި މި ކަމާ ގުޅޭ ގޮތުން ރައީސް ޔާމީން މިހާތަނަށް ވެސް އެއްޗެކޭ ވިދާޅުވެފައެއް ނުވެ އެވެ.
މި ޕްރެސް ލީޑް ކުރައްވާން ހުންނެވި ސެނެޓް މެންބަރު، މަލީހު ޖަމާލު ކުއްލި ގޮތަކަށް ޕީޕީއެމްގެ ސެނެޓު ގުރޫޕުން ބޭރުކޮށްލައިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ. މަލީހަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ރޭގެ ޕްރެސްގައި އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވަނީ ދުވަހުން ދުވަހަށް ކުރާން ޖެހޭ މަސައްކަތުން ތަނާޒުލްވެވަޑައިގެންފަ އެވެ.
މިކަމާ ގުޅޭ ގޮތުން، "ވަން" އިން ސުވާލު ދެންނެވުމުން، ތޮލާލު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އޭނާ ގެންދެވީ އެސްޖީ ޒިންމާތައް ބަރާބަރަށް އަދާކުރައްވަމުން ކަމަށްވެސް ތޮލާލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު