ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި، ރިޔާޒު ހުންނެވި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުން އޭނާ ވަނީ އެކަހެރިކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި އެ މަގާމަށް ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނާފިޒް ވަގުތީގޮތުން ހަމަޖައްސައިފައިވާކަން ވެސް އެނގިފައިވެއެވެ.

ރިޔާޒުގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު އަދި އިންޓެލް ހެޑްގެ ގޮތުގައި ހުންނެވި ފަރީދުވެސް ވަނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. އޭނާގެ ބަދަލުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް ވަނީ އެ މަގާމަށް އައްޔަނުކޮށްފައެވެ.

ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދެވެ.

މަންނާން އަދި ރަޝީދު ވެސް އަންނަ ހޮނިހިރު ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވާނެކަން އެބޭފުޅުން މިހާރު ވަނީ އަންގަވައިފައެވެ.