ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
ފުލުހުން މިރޭ ބުނީ އެ ދެ ބޭފުޅުން ރިޓަޔާކުރައްވާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އެކްޓިން ކޮމިޝަނަރުގެ މަގާމަށް މަންނާން ހަމަޖެއްސީ އޭރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވުމުންނެވެ.
މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން 19 ނޮވެމްބަރު 2018 ގަ އެވެ. އޭނާ ވަނީ 29 އަހަރު ފުލުހުންގެ އިދާރާއަށް ހިދުމަތް ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު، ކެބިނެޓް އެކުލަވައިލައްވައި ސަރުކާރުގެ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރައްވަމުންގެންދަވާއިރު، ޕޮލިސް ކޮމިޝަނަރަކަށް އަދި ބޭފުޅަކު އައްޔަނެއް ނުކުރައްވައެވެ.
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު