ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކާ މެދު ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ، ރައްޓެހިން ނުވަތަ އާއިލާ މެންބަރުންގެ ނަމުގައި ފޭސްބުކް އިން ފައިސާ ފޮނުވުމަށް އެދި މެސެޖެއް ލިބިއްޖެނަމަ، އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅައި އެކަން ޔަގީންކުރުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން ގޮތްނޭނގޭ ލިންކުތަކަށް ނުފިއްތުމަށާއި އޯޓީޕީ، އިންޓަނެޓް ބޭންކިންގެ ޔޫސާނޭމް އަދި ޕާސްވޯޑް އެއްވެސް މީހަކާ ހިއްސާނުކުރުމަށް ވެސް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ގެންދަނީ ތަފާތު ގިނަ އުކުޅުތައް ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުން ކަމަށާއި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާ ގުޅޭ އިދާރާތަކުން އެދެމުން ދިޔަ ނަމަވެސް، ބައެއް އާންމުންނަށް އެކަމަށް ސަމާލުކަން ނުދެވި ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ މިހާރުވެސް މޯލްޑިވްސް ޕޮލިސް ސާވިސްގައި، ސްކޭމް މެސެޖު ފޮނުވައިގެން ފައިސާ ފޭރިގެންފައިވާ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުންގެންދާ ކަމަށާއި ކާކުކަން ނޭނގޭ މީހުންނަށް ފައިސާ ނުފޮނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު