ދިވެހިރާއްޖޭގެ އައު ނާއިބުރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފަކީ ކޮން ބޭފުޅެއް ބާވައެވެ. ރަށާއި ސަރަހައްދާއި އާއިލީ ވަނަވަރަށް އެންމެފުރަތަމަ ބަލައިލަމާބަހީއެވެ. އެއީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އާއިލާއަކީ ސަރަހައްދީ ފެންވަރުގައި އަދި ގައުމީ ފެންވަރުގައިވެސް ނުހަނު ފާހަގަކުރެވޭ ޚިދުމަތްތެރި އާއިލާއެކެވެ. ފަރެހާއި މާތޮޑާއަކީ ކުރިން އެއްފަޅެއްގެ ތެރޭގައިވާ ވަކި ދެރަށެކެވެ. އެހެންނަމަވެސް މިހާރު ފަޅުހިއްކައިގެން އެ ދެރަށްވަނީ އެއްކޮށްލެވިފައެވެ. އިދާރީގޮތުން މިހާރު އެއީ އެއްރަށެކެވެ. ފަރެސްމާތޮޑާއެވެ. ދެރަށް އެއްކޮށްލީ ރައީސް މައުމޫނުގެ ދައުރުގައެވެ. ހުސައިން މުހައްމަދު ލަތީފުގެ ބައްޕާފުޅު ނިސްބަތްވެވަޑައިގަންނަވަނީ މީގެތެރެއިން ފަރެހަށެވެ. ވަކި ރަށެއްގެ ގޮތުގައި ފަރެސް އޮތްއިރު ވަރަށް ދިގު މުއްދަތެއްގައި ފަރެހުގެ އެންމެއިސް ވެރިކަން މުހައްމަދު ލަތީފު ވަނީ ކުރައްވައިފައެވެ. ދެރަށް އެއްކޮށްލުމަށްފަހު ފަރެސްމާތޮޑާގެ ވެރިކަންވެސް ކުރެއްވިއެވެ.
ހުސައިން މުހައްމަދު ލަތީފުގެ މަންމާފުޅު އާމިނަތު ހުސައިންގެ އުފަން ރަށަކީ ހުވަދުއަތޮޅު ދެކުނުބުރީގެ ވެރިކަންކުރާ ރަށް ތިނަދޫ އެވެ. އެ އާއިލާއަކީ ތިނަދޫގެ އެންމެ ޚިދުމަތްތެރި އެންމެ ގަދަރުވެރި އެއް އާއިލާއެވެ. އިލްމުވެރި ހުނަރުވެރިން ގިނަ އާއިލާއެކެވެ. އާމިނަތު ހުސައިން ތިނަދޫ ދޫކުރައްވައި ވަރަށް ޒުވާން އުމުރުގައި އާއިލާގެ ބަޔަކާއެކު ފަރެހަށް ހިޖުރަކުރެއްވީ ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ނާސިރުގެ އެންގެވުމަށް ގަދަކަމުން ތިނަދޫން މީހުން ބާލައި އެރަށް ފަޅުކުރުމާ ގުޅިގެންނެވެ. ފަހުން ތިނަދޫ އަލުން އާބާދުކުރިއިރު އެނބުރި ތިނަދޫއަށް ވަޑައިނުގެންނެވީ ފަރެހުގައި މުހައްމަދު ލަތީފާ ކައިވެނި ބައްލަވައިގެން ހުންނެވުމުންނެވެ. ތިނަދޫން މީހުން ބޭލުމުގެ ކުރިން މުހައްމަދު ލަތީފުވެސް އަމީރު އިބްރާހިމް ސްކޫލުން ކިޔަވައިވިދާޅުވުމަށް ހުންނެވީ ތިނަދޫގައެވެ. އާމިނަތު ހުސައިނަކީވެސް އެ ސްކޫލުގެ ދަރިވަރެކެވެ. އެހެންވީމާ އެދެބޭފުޅުން އެންމެފުރަތަމަ ދިމާވެފައިވަނީ އެތަނުންނެވެ.
ފަރެސްމާތޮޑާގެ ޚިދުމަތްތެރި ގިނަ ބޭފުޅުންނަކީ ހަވޮއްޑޭ މޭނާކަލޭގެފާނުގެ އައުލާދަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. ހުސައިން މުހައްމަދު ލަތީފުވެސް ނިސްބަތްވެވަޑައިގަންނަވަނީ އެ އައުލާދަށެވެ. ހަވޮއްޑޭ މޭނާކަލޭގެފާނުގެ އައުލާދު ފަރެސްމާތޮޑާގެ އިތުރަށް ހުވަދުއަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައިވެސް ފެތުރިފައިވެއެވެ. ހަވޮއްޑޭ މޭނާކަލޭގެފާނޭ ކިޔަނީ ހަވޮއްޑޭ ތިރުގޭ އަހުމަދުކަލޭގެފާނުގެ އައުލާދުގެ ބޭފުޅަކަަށްވާތީއެވެ. މިދެންނެވި ހަވޮއްޑޭ ތިރުގޭ އަހުމަދު ކަލޭގެފާނުގެ ހައްވާ ކަނބުލޭގެފާނު ކައިވެނިކުރެއްވީ މުޅިރާއްޖޭގެ އިލްމީ ސަނަދުވެސް އެބޭފުޅަކާ ހަމައިން ފެށިގެން އަންނަ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ނުވަތަ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ އައުލާދުގެ ބޭފުޅަކާއެވެ. މިދެންނެވި ބޮޑު ފަނޑިޔާރު ތަކުރުފާނަކީ ހުވަދުއަތޮޅު ވާދޫގައި ހުންނެވި އައްލާމާ އައްޝައިޚު މުހައްމަދު ޖަމާލުއްދީނު، ވާދޫ ދަންނަކަލޭގެފާނުގެ ދަރިވަރެކެވެ. މާލޭ ހުކުރު މިސްކިތުގައި އެންމެފުރަތަމަ މަދުރަސާއެއް ހިންގެވީވެސް މިތަކުރުފާނުގެ ބޭފުޅުންނެވެ.
ހަވޮއްޑޭ މޭނާކަލޭގެފާނުގެ އައުލާދަކީ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައުލާދާވެސް ގުޅިފައިވާ އައުލާދަކަށްވާތީ އައު ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އާއިލީ ވަނަވަރު ފަށަން އަޅުގަނޑު ގަސްތުކުރަނީ މިދެންނެވި ބޮޑު ފަނޑިޔާރު ތަކުރުފާނާ ހަމައިންނެވެ. ހުސައިން މުހައްމަދު ލަތީފަކީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްހާފިޒާ ބޮޑު ފާތުމާބީފާނުގެ، މޫސާ ކުޑަ ބަނޑޭރި ތަކުރުފާނުގެ، ހަސަން ތައްޚާނުގެ، ހުސައިން ތައްޚާނުގެ، އާމިނާފާނުގެ، އަލީ ތައްޚާނު (މޭނާ ކަލޭގެފާނު) ގެ އިބްރާހީމް ތަކުރުފާނުގެ މޫސާ ތަކުރުފާނުގެ ފަރެސް ނޫވިލާގޭ މުހައްމަދު ލަތީފުގެ ހުސައިން މުހައްމަދު ލަތީފެވެ. މިދެންނެވި ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައުލާދުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވައިފިއެވެ. ރަސްކަންވެސް ކުރައްވައިފިއެވެ. އެ އައުލާދުގެ ފުރަތަމަ ރަސްކަލަކީ ބޮޑު ފަނޑިޔާރުގެ ކާފަދަރިކަލުން މަޝްހޫރު ދެއްވަދޫ ރަސްގެފާނެވެ. އެއަށްފަހު ޝަހީދުކުޅަ ޣާޒީ ބަންޑާރައިން ނުވަތަ ޣިޔާޘުއްދީނު ރަދުންނެވެ.
މި އާއިލާގެ ތެރެއިން ދެމިގެން އަންނަ ސަރިޔަތާއި ގާނޫނީ އިލްމާއި ތަޖުރިބާގެ މިސާލެއް ފަރެހުގެ ވަރަށް ފަހުގެ ތާރީޚަކުން ދައްކައިލަން އެބަޖެހެއެވެ. ހުސައިން މުހައްމަދު ލަތީފުގެ ބައްޕާފުޅާއި އެއްބަނޑު އެއްބަފައި ފަރެސް އުދަރެސް އަބްދުލް އަޒީޒަކީ ފަރެހުގެ އެންމެ އިސް މެޖިސްޓްރޭޓްކަން އެންމެގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ. އެ ދާއިރާގައި އެއީ ފަރެހުގެ ތަނބެކެވެ. ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑުއަތޮޅާއި މާލޭގައި މިދާއިރާއިން ނަންހިނގާފައިވާ އެންމެހައި ބޭފުޅުންގެ ވާހަކަ ލިޔާންވެއްޖެނަމަ އެއީ މިކަހަލަ ލިޔުމެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ލިސްޓަކީ އެއަށްވުރެ ދިގު ލިސްޓެކެވެ. މިހާރު ސްޕްރީމް ކޯޓުގައި އެތިއްބެވި ބައެއް ފަނޑިޔާރުންވެސް މި ލިސްޓަށް އަރާނެއެވެ. އެހެންވީމާ އެބައި ކުރުކޮށްލީއެވެ. އެކަމަކު އެއްވާހަކައެއް އެބަޔަށްވެސް އިތުރުކޮށްލާނަމެވެ. އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފަކީވެސް ގާނޫނީ އިލްމުގެ ދާއިރާއަށް ވަރަށް މަތީދަރަޖައަކަށް ހޭލުންތެރިވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ޕްރައިމަރީ ތައުލީމު ހާސިލުކުރެއްވީ އަރަބިއްޔާ ސްކޫލުންނެވެ. ސެކަންޑަރީ ތައުލީމު ފުރިހަމަކުރެއްވީ މައުހަދުންނެވެ. މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ އެންގްލިއާ ރުސްކިން ޔުނިވަރސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ޑިޕްލޮމާ އާއި ހަމަ އެދާއިރާއިން މާސްޓަރސް ފުރިހަމަކުރައްވާފައިވެއެވެ. އަމަލީ މަސައްކަތުގެ ދާއިރާގައި ޖެންޑަރ މިނިސްޓްރީގައި ސީނިއަރ ސޯޝަލް ވޯކަރެއްގެ މަގާމު އަދާކުރެއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުވެސް އަދާކުރެއްވިއެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމާ ހަމައިންނެވެ. އޭގެފަހުން 2019 ވަނަ އަހަރުވެސް ހަމައެގޮނޑި ކާމިޔާބު ކުރެއްވިއެވެ. މިއަދު އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް