އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ތިން މެންބަރަކު ކުރިމަތިލައްވައިފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބުވުމާ ގުޅިގެންނެވެ.
މަޖިލިސް ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް އަސްލަމް އިންތިހާބުކޮށްފައިވަނީ މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ވޯޓުގައެވެ. އެ މަގާމަށް އަސްލަމްއާ ވާދަކުރެއްވީ މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަލީ އާޒިމެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ގަނީ އަބްދުލްހަކީމް އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އެމްޑީޕީ އޮފީހުގެ ޖަލްސާކުރާ މާލަން (ގ. ނިއުޝާ / ތިންވަނަ ފަންގިފިލާ) ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު