އިންތިގާލީ އިންސާފު އޮފީހުގެ މުއްދަތު ހަމަވުމުން، އެ އޮފީހުގައި ހުރި ލިޔެކިޔުންތަކާއި ހަރުމުދާ ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހުގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށެވެ. އަދި އެ އޮފީސް އުވިގެންދިއުމުން އެ ތަނުގެ ހަރު މުދަލާއި ހުރިހާ ލިޔެކިޔުމެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރުމަށް ވަނީ އަންގައިފައެވެ.
ނިމިދިޔަ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" އުފެއްދެވީ 17 ޑިސެމްބަރު، 2020 ގައެވެ. އެ އޮފިހަކީ ގާނޫނަކުން އުފެއްދެވި އޮފީހެއް ނަމަވެސް، ދެ އަހަރު ދުވަސް ތެރޭގައި މައްސަލަތައް ނުނިމޭތީ އިއްޔެއާ ހަމައަށް ވަނީ އެ މުއްދަތު އިތުރުކޮށްދީފައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭ، އެ އޮފީހުގެ ގިނަ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
އޭގެ ތެރޭގައި އިންތިގާލީ އިންސާފު އޮފީހުން ނިންމާފައިވާ ބައެއް ތަހުގީގުތަކުގެ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައަކާއި އެހެން ބައެއް މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރަން އެއްބާރުލުން ދިން ތިން މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.
އެކަމާ ގުޅިގެން އޭސީސީން ވަނީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައެވެ. އަދި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދިނުމުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ތިން މުވައްޒަފަކު ސަސްޕެންޑްކުރުމުން މިދިޔަ ބުރާސްފަތި ދުވަހު އޭސީސީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ނަމަވެސް އޮމްބަޑްސްޕާސަންގެ އޮފީހުން އެކަން ދޮގުކޮށް އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭސީސީން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެ އޮފީހުގައި ހަރަކާތްތެރިވި ކަމަށާއި އެ ކޮމިޝަނުގެ ތަހުގީގަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއި ތަކެތިވެސް އެއްވެސް ހުރަހެއްނެތި އެ އޮފީހުން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން އެ އޮފީހުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި އެ އޮފީހުގެ ބައެއް މުވައްޒަފުންގެ ކޮމްޕިއުޓަރު ސިސްޓަމްސްތައްވެސް އެސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.
އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ، ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ 2020 ވަނަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހުގައެވެ.
އިންތިގާލީ އިންސާފުގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގި ވެރިކަންތަކުގެ އަނިޔާތައް ބެލުމަށް ގާނޫނުން ބާރުދީގެން އުފެއްދި އޮފީހެކެވެ. އެގޮތުން މިހާތަނަށް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން، މައްސަލަތަކަށް ހުޅުވާލުމުން ގާތްގަނޑަކަށް 450 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް މުއްދަތު ހަމަވެ، އިންތިގާލީ އޮފީސް އުވާލި އިރު، އެ ތަނުން ބެލި މައްސަލަތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު