އާ އިސްލާމިކް މިނިސްޓަރު ނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދައުރުގައި މިނިސްޓްރީން ހިންގާނެ މަޝްރޫއުތަކުގެ ކުރު ތަސައްވަރެއް ދައްކާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރާނެ މަސައްކަތްތައް ހުލާސާކޮށް، އެކްސްގައި ހިއްސާކޮށްފައިވާއިރު، އެކި ދާއިރާތަކުން ގިިނަ މަޝްރޫއުތަކެއް ހިންގަން ނިންމާފައި ވެއެވެ. އެގޮތުން އެއް މަސައްކަތަކީ ހައްޖަށް ދާ މީހުންނަށް ދިމާވާ މާލީ ދަތިތައް ހައްލުކޮށް، ރާއްޖޭގެ ހައްޖު ފަންޑު ޒަމާނީ ފެންވަަރަށް ތަރައްގީ ކުރުމަށް ފަންނީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މިނިސްޓްރީން އެކްސްގައި ބުނީ އެ މަސައްކަތުގެ ސަބަބުން ހެޔޮ އަގުގައި ހައްޖާއި އުމްރާއަށް ދެވޭނެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.

ދެވަނަ ކަމަކަށް އޮތީ މިސްކިތްތައް މަރާމާތު ކުރުމުގައި ދިމާވާ މާލީ ދަތިތައް ހައްލުކުރުމަށް ފަށާ މިސްކިތް ފަންޑު ޕްރޮޖެކްޓު ގާއިމު ކުރުމެވެ. ޒުވާން ޖީލަށާއި މުޖުތަމައަށް ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިސްލާމް ދީނަށް ހޭލުންތެރިކުރުމުގެ ގޮތުން "ދަ މެސެޖް" ކިޔާ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވައިލުމަށްވެސް ވަނީ ނިންމައިފައެވެ.

އިސްލާމީ ސަގާފަތާއި ތަހުޒީބު ކުރިއެރުވުގެ މަގުސަދުގައި "ހިދާޔަތުގެ އަލި"ގެ ނަމުގައި މަޖައްލާއެއް ނެރުމަށް ނިންމާފައިވާއިރު، ދީނީ އެކި ކޮންޓެންޓުތައް ދިވެހި ބަހަށް ތަރުޖަމާކުރަންވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރަން ނިންމާފައިވާއިރު އެ މަރުކަޒުތަކުގައި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ މެދުވެރިކޮށް އިސްލާމް ދީނުގެ އިލްމާއި ސަގާފަތް ރާއްޖޭގެ ހުރިހާ ޕްރޮވިންސެއްގައި ފެތުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

ޒަކާތު ފަންޑު އިތުރަށް ތަރައްގީ ކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި އެ ނިޒާމުގެ ދަށުން ރާއްޖޭގެ މުއްސަނދިކަމާއި މަންފާތައް މިހާރަށްވުރެ ހަމަހަމަކަމާއެކު ބެހުމަށް މަގުފަހިކޮށްދޭ ބާރުގަދަ ވަސީލަތަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އާ މިނިސްޓަރުގެ މެންޑޭޓުގެ ދަށުން ގުރުއާނާ ބެހޭ މަރުކަޒުވެސް ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ގައުމީ ގުރުއާން މުބާރާތް އިތުރަށް ތަރައްގީކޮށް، ގުރުއާނުގެ އިލްމު ފަތުރައި، ގުރުއާނުގެ ސްޓަޑީއެއް ޝާއިއުކުރާން ނިންމާފައި ވެއެވެ.

ހަމައެޔާއެކު، އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯ ޓީވީ ޗެނަލަކަށް ހަދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ޗެނަލުގެ މަގުސަދަކީ މުޖުތަމައު ހޭލުންތެރި ކުރުމާއި އަހުލާގު ފަތުރައި، ރާއްޖޭގައި އިސްލާމީ ރަނގަޅު އަހުލާގުގެ މުޖުތަމައެއް ގާއިމު ކުރުން ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ފަތުވާ ކައުންސިލު އިތުރަށް ތަރައްގީކޮށް، އިސްލާމް ދީނާ ގުޅުން ހުރި ތަފާތު ކަންކަމަށް ސައިންޓިިފިކް ހައްލުތައް ހޯދުމަށް މަސައްކަތް ކުރާނެ ކުރުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިނިސްޓަރު ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާ ހާސިލްކޮށްފައިވާ އިމާމުންނަށް ބޭރުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. ޝަހީމް އައްޔަނުކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ. ޝަހީމަކީ މީގެ ކުރިންވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.