ދިރާގު ހޯމްގެ އާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަންތަކަށް ރައުޓަރާއެކު ގުޅައިދިނުން ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށްގެންދާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ދުވަހުގެ ކުރިން ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/45R88YM ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

"މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކްއަށް ގުޅުމަށް ކަސްޓާމަރުންނަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކެވެ. މީގެ އިތުރުން ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް މިހާރު ދިރާގުން ކުރިއަށްގެންދާ ހާއްސަ 'ވިން އަ ޓެސްލާ ކާ' ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެއެވެ. އެގޮތުން މި ޕްރޮމޯޝަނާއެކު ދިރާގު ފައިބާ ބްރޯޑްބޭންޑް 30އެމް އިން މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެންމެ ޒަމާނީ، އިލެކްޓްރިކް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައި،" ދިރާގުން ބުންޏެވެ.

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގެ ގޭބިސީގެ 91 އިންސައްތައަށް ފޯރުކޮށްދެމުންދާ ހިދުމަތަކެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ އެކި ބޭނުންތައް ފުއްދުމަށް، ތަފާތު ސްޕީޑްތަކާއި އެލަވަންސްތަކާއި އަގުތަކުގައި ފަރުމާކުރެވިފައިވާ ޕެކޭޖުތަކެކެވެ.

އެ ކުންފުނިން އަބަދުވެސް ބަލާނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ކަމަށް ދިރާގުން ބުންޏެވެ.