ފިލްމު ރިލީސްކުރިތާ ފަސް ދުވަސް ތެރޭ ސަލްމާން ޚާންގެ ފިލްމު ޓައިގާ 3 އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ފިލްމަށް އިންޑިއާއިން އެކަނިވެސް 148.50 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައިވާއިރު ދުނިޔޭގެ ބޮކްސް އޮފީސްތަކުން 240 ކްރޯޑް އިންޑިއަން ރުޕީސް ވަނީ މިހާތަނަށް ލިބިފައެވެ.

"ޓައިގާ 3 އަށް އޯޑިއަންސް ދެމުން އަންނަ ތަރުހީބަށް އަހަރެން ވަރަށް އުފާކުރަން. ފިލްމު އެޅުވިތާ ގިނަ ދުވަހެއް ނުވޭ. އެކަމަކު ޓައިގާ ފްރެންޗައިޒްގެ ތިންވަނަ ބައިގެ ސްކްރިޕްޓަށްވެސް މިވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ. މި ފްރެންޗައިޒް އަކީ އަހަރެންގެ ހިތާ ގުޅިފައިވާ ފިލްމު ތަކެއް" ފިލްމާ ގުޅޭ ގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ލީޑް ތަރި ސަލްމާން ބުންޏެވެ.

ފިލްމުގެ ލީޑް ބަތަލާއަކީ ކުރީ ދެބައިންވެސް ފެނިގެންގޮސްފައިވާ، ސަލްމާން ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އެވެ. ފިލްމުގެ ވިލަންގެ ބައިން ފެނިގެންދާނީ އިމްރާން ހަޝްމީ އެވެ. ޓްރެއިލާއިން ފެނިގެންދާ ގޮތުގައި މިފަހަރު ޓައިގާ ސަލާމަތް ކުރަން ޖެހެނީ އޭނާގެ އާއިލާ ނުވަތަ ގައުމެވެ. އާއިލާ ސަލާމަތްކޮށް ގައުމަށް ގައްދާރުވުން ނުވަތަ އާއިލާ މަރުވާން ދޫކޮށްލައި ގައުމު ސަލާމަތް ކުރުން، މި ދެކަމުން ޓައިގާ އިހުތިޔާރު ކުރާނީ ކޮން ކަމެއްކަން ފިލްމު ބެލުމުން ނޫނީ ނޭނގޭނެ އެވެ.

އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު، ހިންދީ ޓެމިލް އަދި ޓެލިނގޫއިންވެސް ދައްކަމުން ދެއެވެ.