މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކަށް ބަޖެޓަށް ބޭނުންވާ އިތުރު ފައިސާ ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މިއަދު ނިންމާލައިފިއެވެ.
ސަޕްލިމެންޓަރީ ބަޖެޓް އަވަހަށް ފާސްކުރުމަށްޓަކައި މަޖިލީހުން ކަނޑައަޅާފައި އޮތީ ބަޖެޓް ބަހުސް އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ބަޖެޓް ބަހުސް ނިންމާލާފައިވަނީ ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްވެސް ކޮށްގެންނެވެ.
ސަޕްލިމެންޓަރީ ބަޖެޓާ މެދު ކަންކުރާނެ ގޮތް މަޖިލިސް ގަވާއިދުގައި ނެތްކަމަށް ވިދާޅުވެ ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތެއް މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
އެގޮތުން ބަޖެޓުގެ މަސައްކަތް ދިގު ނުދެމޭގޮތަށް ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްގެން އެއްދުވަހުގެ މުއްދަތަށް ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މިއަދު ކުރިއަށްގެންދަން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ހުށަހެޅުއްވިއެވެ.
އޭނާގެ ހުށަހެޅުމުގައި ވަނީ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރުމަށް އެ ބަހުސްގައި ވާހަކަ ދައްކާ ކޮންމެ މެންބަރަކަށް ފަސް މިނިޓުގެ ފުރުސަތެއް ދިނުމަށެވެ. އެއަށްފަހު ބަޖެޓް ކޮމިޓީއަށް ބަޖެޓް ފޮނުވުމަށްފަހު، ދިރާސާކުރުމަށް ދެ ދުވަސްދީ، ކޮމިޓީ ރިޕޯޓް މަޖިލީހަށް ގެނެސް ރިޕޯޓަށް ބަހުސް ކުރުމަށް މެންބަރަކަށް ދެ މިނެޓުގެ ފުރުސަތެއް ދިނުމަށްފަހު ބަޖެޓް ފާސްކުރުމަށެވެ.
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމްއެވެ.
އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިއްޔެ ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އިތުރު ކުރެވޭ މި ބަޔާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު