ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މާފު ދެއްވުމުން، ކޮރަޕްޝަނަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީން މިހެން ބުނެފައިވަނީ އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދިނުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުވާ ގުޅިގެން ރޭ ނެރުނު ބަޔާނެއްގައެވެ. ކަރެކްޝަންސްއިން ބުނީ ހުކުމް ލުއިކުރަން ނިންމާފައިވާ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ އަދީބާއި ޒިޔަތަށް މާފު ދިނުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަގާމާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވި އެ ފަރާތްތަކަށް ލިބިފައިވާ ހިމާޔަތުގެ ސާފު މިސާލެއް ކަމަށެވެ. އަދި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އުސޫލަކަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ ހިލާފަށް، ވޭތުވެ ދިޔަ 5 އަހަރު ފެނިގެން ދިޔައީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކާއި ކޮރަޕްޝަނުގެ އަމަލުތަކުގައި ޝާމިލުވާ ފަރާތްތައް ހިމާޔަތްކުރަމުންދާތަން ކަމަށެވެ.
އެގޮތުން ޓްރާންސްޕޭރެންސީން ވަނީ ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ފާހަގަވި ބައެއް ކަންކަން ލިސްޓުކޮށްފައެވެ.
- އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމޭނޭކަމަށްތުހުމަތުވާ 281 މީހުންގެ ތެރޭގައި މިހާރުގެ ސަރުކާރާއި ކުރީ ސަރުކާރުގެ އިސް ފަރާތްތަކާއި ފަނޑިޔަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭއިރު، މިހާތަނަށް ކުށް ސާބިތުވެ ހުކުމްކޮށްފައި ވަނީ 3 މީހަކަށް
- އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު މިހާތަނަށް ހާމަކޮށްފައިނުވާއިރު، ކޮރަޕްޝަނާ ގުޅިގެން ގެއްލިފައިވާ ރަށްތައް ހޯދުމަށް ނުވަތަ ހަމަ އަގު ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވުން
- ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ނިޒާމީ ގޮތެއްގައި ހަރުދަނާކޮށް، ފާހަގަ ކުރެވޭ ގާނޫނީ ހުސްކަންތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވުން
ޓްރާންސްޕޭރެންސީން އިތުރަށް ބުނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ހިންގާފައި ވަނީ އަދީބާއި ޒިޔަތު އިސްވެ ތިވެ ރާވައިގެން ކަމަށާއި އެހެންކަމުން އެ ހުކުމް ލުއިކޮށްދިނުމުން ޖަވާދާރީ ކުރުވަނިވި މުޖުތަމައެއްގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު