މަޖިލީހުގެ ޖަލްސާއެއްގެ ނިންމުމެއް ނަފީކޮށް، އަލުން ޖަލްސާ އެޖެންޑާ ކުރުމުގެ ގާނޫނީ ބާރު އަމީންއާންމަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ އިތުރު ޖަލްސާއެއް މިއަދުގެ ހަވީރު 4:00 އަށް މަޖިލިސް އިދާރާއިން އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ބެލެހެއްޓެވުމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައެވެ.
އެގޮތުން އީވާ ވިދާޅުވީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމަށް ބަލާއިރު މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުުގެ މައްސަލައެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް ހަމައެކަނި އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވެސް އެ މާއްދާގައި ކަނޑައަޅާފައިވާ ތަރުތީބުން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެކަން ސާފުވާ ކަމަށެވެ. ނަމަވެސް ނައިބު ރައީސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި އެ ގަވާއިދުގެ 44 ވަނަ މާއްދާއިން ކަނޑައަޅާ ފަރާތްތަކަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަންވެސް ސާފުވާ ކަމަށެވެ.
އީވާ ވިދާޅުވީ އެހެންކަމުން ސުޕްރީމް ކޯޓުގެ ތަރަހައިން ބޭރުވެ، މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރި ނުވާ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރިޔާސަތު ބަލަހައްޓަން ކަނޑައަޅާފައިވާ ފަރާތްތަކާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކުރުމުގެ އެއްވެސް ބާރެއް އަމީންއާންމަށް ލިބިގެން ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު އަމީންއާންމަށް ލިބިގެންވަނީ މަޖިލީހުގެ ރައީސް މަަގާމުން ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކުރުމާއި ޖަލްސާއަށް ގޮވާލުމުގެ ބާރު ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދު މާނަކުރުމުގައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވުން ތަކުރާރު ނުކުރެއްވުމަށް އަމީންއާންމަށް އީވާ އިލްތިމާސް ކުރެއްވިއެވެ.
އޭގެ އިތުރުން، ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލީހެއްގެ ގޮތް ނިންމުމުގެ ތެރެއަށް، އިދާރީ މަސައްކަތް ހިންގުމަށް ކަނޑައަޅާފައި ހުންނަ އަމީންއާންމު ވަނުމަކީ މަޖިލީހުން ރައްޔިތުންނަށް ދީފައިވާ ބާރަށް އަރައިގަތުން ކަމަށް އީވާ ވިދާޅުވިއެވެ. އަދި އިންތިހާބީ އޮނިގަނޑުގެ ބޭރުން މަޖިލީހުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ކަރާމަތަށް އަރައިގަތުމަށް ކޮށައިދެވޭ މަގަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލަ އެޖެންޑާކޮށް، ޖަލްސާ ފަށާފައިވަނިކޮށް މަޖިލިސް ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު މިއަދު ވަނީ އިސްތިއުފާދެއްވައިފައެވެ. އެހެންކަމުން ރިޔާސަތު ބެލެހެއްޓެވި ޝަރީފް ވަނީ ޖަލްސާ ނިންމަވާލައްވައިފައެވެ.
ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެމަނިކުފާނު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާތީއެވެ. އަދި އެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލިސް ހުއްޓުމަކަށް އައިސް، ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މަޖިލިސް ރައީސްކަމުން އިސްތިއުފާދެއްވުމަށް ރައްޔިތުންގެ މަޖިލިސްގެ އަމީންއާންމު ފާތިމަތު ނިޔުޝާއަށް ނަޝީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގައިފި ކަމަށެވެ.
"އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ބުނެ ދެވަނަ ފަހަރަށް މިވަނީ މައްސަލަ ހުށަހަޅާފައެވެ. މި ފަހުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުންނެވެ. މަޖިލީހުގެ ހިންގާ ގަވައިދަކީ މަޖިލީހުގެ މެންބަރުން އެކުލަވާލާ ގަވައިދެކެވެ. މަޖިލީހުގެ ގަވައިދާ ގުޅޭގޮތުން މެޖޯރިޓީ ޕާޓީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުންނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފިއެވެ. މަޖިލީހުގެ ކޮމެޓީއަކުން މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ދަންނަވައިފި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މިކަމުގެ ބިރުވެރިކަމާ މެދު އަލިއަޅުވާލާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް ހުކުމުގައިވާ ކަމަށެވެ.
ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި، ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެން ކަމަށާއި އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާއެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެން ކަމަށެވެ. އެއީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ ހިތާމަ ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެކެވެ. ދިވެހިންނަށް ވެވޭ ބޭއިންސާފެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތައް ދަމަހައްޓައި، ރައްޔިތުންގެ މަސްލަހަތަށް ހިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރުމަށް ލިބުނު ފުރުސަތަށްޓަކައި ފަހުރުވެރިވާ ކަމަށާއި އިސްތިއުފާއަކީ އެމަނިކުފާނުގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު