ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) އިން ދެންމެ ފާސްކޮށްފިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް އެމްޑީޕީން އިއްޔެ ފެށި އިރު، އެ މައްސަލަ ހުށަހެޅުމަށް ވަނީ ދެންމެ ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމަވައިފައެވެ. އެކަން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
"މިހާރުވެސް (އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހެޅުމަށް) ސޮއި ހަމަވެފައިވަނީ. ވަރަށް އަވަހަށް ހުށަހަޅާނަން. އަދި ބައެއް މެންބަރުންގެ ސޮއި ލިބޭތީ މި މަޑުކޮށްލަނީ،" އަސްލަމް ވިދާޅިވިއެވެ.
އީވާ ވަކިކުރަން މީގެ ކުރިންވެސް އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހެޅިއެވެ. އެ ގަރާރު އަނބުރާ ގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށެވެ.
އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް އަލުން ހުށަހަޅަން ނިންމި އިރު، މަޖިލީހަށް މިހާރު ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު އީވާ ސަލާމުގައި ހުންނެވުމުން ގިނަ ދުވަސްތަކެއްވަންދެން ކުރިއަށް ނުގެންދެވުމުން އެކަމަށް ހައްލެއް ސްޕްރީމް ކޯޓަށް އެމްޑީޕީން ދިއުމުން އެ ކޯޓުން ވަނީ ނައިބު ރައީސް ނެތަސް ނަޝީދުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ހުކުމްކޮށްފައެވެ.
އެއާއެކު، އިއްޔެ ބޭއްވި ފުރަތަމަ ޖަލްސާއަށް އީވާ ވަޑައިގެންފައިނުވާތީ އެ ޖަލްސާގެ ރިޔާސަތު ބެހެލެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަމަވެސް އަފީފް ވަނީ، ނަޝީދުގެ ގަރާރު ހުށަހަޅާފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެ ގަރާރު އަލުން ހުށަހަޅަން އަންގަވައި މަޖިލިސް ނިންމަވާލައްވައިފައެވެ.
އެ ގަރާރު އަލުން ހުށަހެޅުމަށް އިއްޔެ 11:30 އަށް އިތުރު ޖަލްސާއެއްވެސް ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު އީވާ ބެލެހެއްޓެވި އިރު، އީވާ ވަނީ، ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު އިއްޔެ ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި އެހެންވެ އެ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ޖަލްސާ ނިންމަވާލައްވައިފައެވެ.
އެ މައްސަލައިގައި އީވާ އާއި އަފީފް މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގެންފައިވާ ކަމަަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި ގަރާރާ މެދު ދެން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް އޭޖީގެ ލަފާ ހޯދުމަށް އިއްޔެ ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމިއެވެ.
އެ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތު ވެސް ވަނީ ގަރާރު އަލުން ހުށަހަޅަން އެންގުން ގާނޫނާއި ގަވައިދާ ހިލާފު ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު