ބަލިވެ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މިއަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވުމަށް ވަޑައިނުގެންނެވޭނެކަން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް އަންގަވައިފިއެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ވަން" އަށް މިރޭ ވިދާޅުވީ، "ބަލިވެ އުޅުއްވާތީ މާދަމާ ބަޖެޓު ހުށަހަޅައިދެއްވުމަށް ވަޑައިނުގަނެވޭނެކަން (މިނިސްޓަރު އަމީރު) އަންގަވާފައިވާ" ކަމަށެވެ.
މަޖިލީހުގެ މާދަމާގެ އެޖެންޑާތައް އާންމުކޮށްފައިވާ އިރު، އޭގައިވާ ގޮތުން ދެ ބަޖެޓް ހުށަހަޅާ ޖަލްސާ އޮންނާނީ ހެނދުނު 9:00 ޖަހާއިރަށެވެ.
ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމި އޮއްވައި، ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެޖެންޑާކޮށްދިނުމަށް އެމަނިކުފާނު މިއަދު އެދިވަޑައިގެންފައި ވަނިކޮށެވެ.
އަމީންއާންމަށް، ނަޝީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަންޖެހޭ ކަމަށާއި ކުރިން އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ.
"ގާނޫނުއަސާސީއާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ތާރީހަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުން މިހާރު ލަސްކުރައްވާފައިވުމާއި ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ފަދައިން އެކަން އިތުރަށް ލަސްކުރެވެން ނޯންނާނެތީ, ދައުލަތުގެ ބަޖެޓު ހުށަހެޅުން ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާގެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާ ކޮށްދެއްވުމަށް ދެންނެވީމެވެ," ނަޝީދުގެ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު ހިނގަމުންދާ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެއެވެ. އެހެންވެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާއަށް އެޖެންޑާކުރިއެވެ.
ނަމަވެސް ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު އަމީރު ވަޑައިގެންފައިނުވެއެވެ. އެއީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ލަފާގެ މަތިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު