ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ހުރަސް އަޅަން ފަށައިފިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ނާއިބު ރައީސަށް އެކަނި ކަމަށް މަޖިލިސް އިދާރާއިން ނިންމުން ގާނޫނު އަސާސީއާ ހިލާފު ކަމަށާއި ނާއިބު ރައީސް އުޒުރުވެރިވާނަމަ މަޖިލިސް ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އެހެން މެންބަރުންނަށްވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ހުކުމާ އެއްގޮތަށް މިއަދުގެ ޖަލްސާގެ ދިޔާސަތަކަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަޑައިގެންފައިނުވާތީ، ރިޔާސަތަށް ވަޑައިގެންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންތަކުގެ ގޮތުގައި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގެ ދަށުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކަމަށާއި އެކަމަށް ޖުމްލަ ދެ ގަޑިއިރު ކަނޑައަޅާފައިވާ ކަމަށް ރިޔާސަތުން އަފީފު ވިދާޅުމާ ގުޅިގެން، ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލަ ނެންގެވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
އެގޮތުން އެ މައްސަލައަކީ މަޖިލިސް ގަވާއިދުގެ 61 މާއްދާގެ (ށ) އާއި 204 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް މައްސަލަ ހުށަހަޅަން އޮންނަ، ގަވާއިދާހިލާފަށް އެޖެންޑާ ކޮށްގެން ކުރިއަށްދާ، ގަވާއިދާ ހިލާފަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު މި ހުށަހަޅާފައިވާ ލިއުމަކީ ބިލެއްތޯ، މައްސަލެއްތޯ ކުއްލި މައްސަލައެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ ނޫނިއްޔާ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ ވަޒީރުން ވަކިކުރަން ހުށަހަޅާފައިވާ ލިއުމެއްތޯ، އަޅުގަނޑަށް ކޮން ކަމަކަށް ކޯއްޗެއްތޯ މިއޮތީ ހުށަހަޅައިފަ، އެޖެންޑާ ކޮށްފައިވާ ކަމެއް އެނގުނީމަ ދެން ކުރިއަށް ގެންދާނީ،"
އެ ނިޒާމީ މައްސަލައާ ގުޅިގެން އަފީފު ވިދާޅުވީ، އެޖެންޑާގައި އޮތީ ގާނޫނުއަސާށީގެ 82 ގެ (ބ) ގެދަށުން މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ހަދައި ގަވާއިދު ތަންފީޒު ކުރުމުގެ ކަންކަން ކުރާނީ މަޖިލީހުން ކަމަށް ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި މަޖިލިސް ގަވާއިދުގެ 35 ވަނަ ބާބުގައި މަޖިލީހަށް ހުށަހަޅަން ޖެހޭ ގަރާރު އޮންނަންޖެހޭ އަދި ގަރާރު އޮންނަންޖެހޭ ސިފަ ބަޔާންކުރާ ކަމަށެވެ.
"އެހެންކަމުން އެ ސިފައިން ބޭރުން އެހެން ގޮތަކަށް މީތި އޮންނަން ނުޖެހޭނެކަން އެބަ އެނގޭ، ގަވައިދުގެ 205 ވަނަ މާއްދާގެ (ށ) (ނ) (ރ) (ބ) (ޅ) (ކ) ގައި އެބަ އޮވޭ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅަން ޖެހެނީ ގަރާރުކަން، ސާފުކޮށް އެބައެނގޭ އެކަން، ހަމައެގޮތަށް ގާނޫނުއަސާސީންވެސް އެބަ ބުނޭ ގަރާރެއްކަން ހުށަޅަން ޖެހެނީ އެހެން ނަމަވެސް ގަރާރެއްގެ ސިފަ އޮންނަންޖެހޭ،"
އަލީ އާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ގަރާރުގައި ދީބާޖާއެއް އޮންނަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ އިރު، މަޖިލިސް ރައީސް ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގައި ދީބާޖާ ނެތުމުން އެއީ ގަވާއިދުގައި ބުނާ ސިފަތަށް ހަމަނުވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރު މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭނުންނަމަ އެމްޑީޕީ މެންބަރުންނަށް ސުޕްރީމް ކޯޓަށް ގޮސް އެއާމެދު ގޮތެއް ނިންމިދާނެ ކަމަށާއި ނަމަވެސް މަޖިލިސް ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް އެނޫން ގޮތަކަށް ގަރާރު ހުށަނޭޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެސްގެ އެހެން މެންބަރުންވެސް ނިޒާމީ މައްސަލަ ނަންގަވައި އަލީ އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ އެއްގޮތަށް ހުށަހެޅިފައިވާ ގަރާރެއް ކަމަށެވެ. ނަަމަވެސް މެންބަރު އަފީފަކީ އެ މައްސަލައާ ގުޅުން އޮތް ފަރާތަކަށް ވާތީ އޭނާއަށް ރިޔާސަތުގައި ނީންނެވޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަޖިލިސް ރިޔާސަތުގައި އަފީފު އިންނެވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ ބޭފުޅަކު މަޖިލިސް ރިޔާސަތުގައި ނުބެއިންދުމަށް އޭނާ މަޖިލީހުގެ އަމީންއާއްމަށް ދެންނެވިއެވެ.
"އެއް ކަމަކީ މި ގަރާރަކީ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ ގަރާރެއް، ދެވަނަ ވާހަކައަކީ ގާނޫނުއަސާސީއާ ހިލާފަށް ރިޔާސަތުގައި އިންނަވާ ބޭފުޅާ ފުރުސަތު ދެއްވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ރިޔާތުގައި ތިހުންނެވީ، މަނިކުފާނަކީ މި މައްސަލައިގައި މަސްލަހަތު އޮތް ބޭފުޅެއް، އެހެންކަމުން ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ޖަލްސާއަށް ހުރަސް އަޅަނީ އަޅުގަނޑު އަމީންއާއްމަށް ދަންނަވަން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން މަސްލަހަތު ފުށުއަރާ ބޭފުޅެއް ރިޔާސަތުގައި ނުބެހެއްޓެވުމަށް،"
އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، މަޖިލިސް ރައީސް ވަކިކުރަން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލިސް ގަވާއިދު ބުނަނީ އެހެން މައްސަލައާބެހޭ ގަރާރުތަކުގެ ވާހަކަ ކަމަށާއި މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ އެއާ ހިލާފަށް ގާނޫނުއަސާސީގެ ދަށުން ހުށަހަޅާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ދެ ގަރާރަށް އަމަލު ކުރަން ޖެހެނީ ދެގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގެ ހިޔާލު ތަފާތުވުން ތެރެއިން ގިނަ މެންބަރުންތަކެއް ނިޒާމީ މައްސަލަ ނެންގެވި ނަަމަވެސް އަފީފު ރިޔާސަތުން އެކަމަށް ގޮތެއް ނުނިންމައި ދިގު ދަންމަވާލެއްވިއެވެ. އެންމެފަހުން މެންބަރުން ނަންގަވަނީ ނިޒާމާ ގުޅޭ މައްސަލަތޯ ނުވަތަ ނޫންތޯ ރިޔާސަތުން ކަނޑައަޅަންވާނެ ކަމަށް ބައެއް މެންބަަރުން ވިދާޅުވަމުން ގެންދެވިއެވެ.
އެންމެފަހުން އަފީފު ނިންމެވީ، އަލީ އާޒިމު ހުށަހެޅުއްވީ ރަނގަޅަށް ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުންވެސް ކަންތައްތަކެއް ބަދަލު ވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މީގެކުރިން މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް އޮތް އޮތުން ބަދަލުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އެކަންތައް ކުރިއަށްދާނީ މަޖިލިސް ގަވާއިދުގެ އެހެން ހުރިހާ މާއްދާތަކާ ގުޅިގެން ކަމަށް ވިދާޅުވެ އަލީ އާޒިމްގެ ނިޒާމީ މައްސަލަ ބަލައިގެންފި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްޑީޕީން ހުށަހެޅި ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ ގަރާރު ގަވާއިދާ އެގޮތަށް އަލުން ހުށަހެޅުމަށް އަންގަވައި މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު