ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރަން މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކުގައިވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރިޕޯޓަކަށް ދެއްވި އިންޓަވިޔުއެއްގައި ފައިސަލް މިރޭ ވިދާޅުވީ، އޭނާއަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި އަބަދުވެސް މަސައްކަތްކުރެެއްވީ އެގޮތަށް ކަމަށެވެ.

ނައިބު ރައީސަށް ފަހު، ދެން ފެންނާނެ ދާއިރާއާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ، ގައުމަށް ހިދުމަތް ކުރެވޭ ކޮންމެވެސް ދާއިރާއަކުން އޭނާ ފެންނާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ދާއިރާއިން ފެނިދާނެތޯ ނުވަތަ ނޫންތޯ ހާމަކުރައްވާފައެއް ނުވެއެވެ.

ފައިސަލް ވިދާޅުވީ، ސަރުކާރަކީ މުޅި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އޮންނަ ބައެއް ކަމަށާއި އެހެންކަމުން ގައުމަށް ފައިދާވާ ކަންކަމުގައި އާ ސަރުކާރާއެކުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ކޮންމެ ކަމެއްގައި ހުރެގެންވެސް މަސައްކަތްތަކެއް އެބަ ކުރަން ބޭނުންވާ މީހަކަށް އެބަ ކުރެވޭ. އެހެންވީމާ އަޅުގަނޑު ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ބަލާނީ ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި އެކި ފަރާތްތަކާ އެއްކޮށް ގުޅިގެން އަދި ސަރުކާރާވެސް، ސަރުކާރަކީ އަޅުގަނޑުމެން ނެތަސް ހަމަ އެންމެންގެ ސަރުކާރެއް ނޫންތޯ. އެވަގުތަކު އޮންނަ ސަރުކާރަކީ މުޅި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އޮންނަ ސަރުކާރެއް. އެހެންވީމާ އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް އޮތިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ފަސޭހަކުރުމަށްޓަކަައި އެކަމެއްގައިވެސް އަޅުގަނޑު ބައިވެރިވާނެ" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ނިމެމުން އަންނަ އޭނާގެ ނައިބު ރައީސްކަމުގެ ދައުރުގައި ކަންކަން ކޮށްފައިވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި މަގުން ކަމަށާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެވިއްޖެކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ. ނަމަވެސް އިންސާނުން ކަމަށްވާތީ، އެންމެން ބޭނުންވާ ގޮތަށް ފަހަރުގައި ކަންކަން ނުކުރެވި ހުރެދާނެ ކަމުގައި ވިދާޅުވިއެވެ.