ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާނީ އެ މަނިކުފާނަށް ފަހުބަސް ވިދާޅުވެވޭނެ، ތައުލީމީ އަދި ގާބިލު ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްއަށް މިއަދު ދެއްވި އިންޓައިވުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ވެރިއަކު ހޮވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
އިހުލާސްތެރިކަމާއެކު ރައްޔިތުންނަށްޓަކައި ތެދުވެރިކަމާއެކު ރައްޔިތުން ބޭނުންވާ ހިދުމަތްތައް ކޮށްދޭން އުޅޭނަމަ ކުރިމަތިވާ ދަތިތައް ގިރާ ކުރެވި އެކަންކަން ކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މީގަ ބޭނުންވަނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިރުންގެ ހާދިމެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ ފަޅީގައި ހުރެގެން ރައްޔިތުން އެދޭގޮތަށް ތެދުވެރި ވެރިކަމެއް ކޮށްދޭން،"
މުއިއްޒު ވިދާޅުވީ، ވެރިކަމުގައި ހުންނަ މީހެއްގެ ކިބައިގައި ޖަވާބުދާރީ ނުވެވޭނެ ކަމެއް އޮވެގެންނުވާނެ ކަމަށެވެ. ރައްޔިތުންގެ ފަރާތުން ސުވާލެއް ކުރަންޏާ އެކަމަށް ޖަވާބުދެވެންވާނެ ކަމަށާއި ކަމެއް ފޮރުވައިފައި އޮވެގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ކަންކަމުގެ ދެފުއް ފެންނަން ޖެހޭނެ ކަމަށާއި ސަރުކާރު އަބަދުވެސް އޮންނަން ވާނީ ރައްޔިތުންނާ އެކީގައި ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރަމުން އައި ގޮތުން މުއްމީދުތައް ގެއްލި ރައްޔިތުން ތިބީ މާޔޫސް ކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުންގެ އެ ނާއުއްމީދާއި މާޔޫސްކަން ބަދަލުކޮށްލެވޭނީ އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު އެކުލަވައިލާ ޓީމަކީ އެފަދަ ޓީމެއް ކަމަށެވެ. އެޓީމަކީ ރެއާއި ދުވާލު ހޭލައިތިބެގެން މަސައްކަތްކުރަން ޖެހުނަސް އެކަންކުރެވޭ ވަރުގެ ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެކުލަވާލާ ޓީމް އެއީ ސަރުކާރު ކެބިނެޓާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ލާ ބޭފުޅުން އެއީ ސަރުކާރަކީ، އެ ގޮތުން ސަރުކާރުގެ މަތިފަޑީގައި ތިބޭނީ އަޅުގަނޑަށް އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް ފަހުބަސް ބުނެވޭ މީހުން، އަޅުގަނޑު ބަހެއް ބުނީމަ ކަމެއްކުރަން ވަކި ގޮތަކަށް ދެންނެވީމަ އެބޭފުޅަކު އެހެން ބޭފުޅެއްގެ އެޕްރޫވަލް ހޯދަންޖެހޭ ބޭފުޅަކު އަޅުގަނޑު ނުލާނަން، އަޅުގަނޑު ރައްޔިތުންނަށްޓަކާ ވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަ ކޮމިޓްމަންޓާއެކީ ރެއާދުވާކު ހޭލާހުރެ މަސައްކަތްކުރަންޖެހުނަސް ކުރެވޭވަރުގެ ބޭފުޅުން އަޅުގަނޑު ލާނީ،"
މުއިއްޒު ވިދާޅުވީ، ރައްޔިތުން ފަހުރުވެރިވާ ފަދަ ނަތީޖާ ނެރެދެވޭ ފަދަ ޓީމެއް އެކުލަވާލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނު އެކުލަވާލާ ޓީމު ވެގެންދާނީ، ތައުލީމީ ގާބިލް ޓީމަކަށް ކަމަށެވެ. އެހެން ކަމުން ބޭނުންފުޅު ވަނީ ބައިބައި ވުމާއި ބަދަލު ހިފުމާއި ދެކޮޅުވެރިކަމުގެ ރޫހުގެ ތެރޭގައި އަބަދު އޮތުމުގެ ބަދަލުގައި، ހުރިހާ އެންމެން އެއްކޮށް، ގައުމަށް ހަމަޖެހުން ގެނަސްގެން ހުރިހާ ކަމެއް ހާސިލްވާގޮތަށް ޓީމު އެކުލަވައިލުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން ބޭނުން ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް ހަގީގަތުގައިވެސް ނޫނެކޭ ބުނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި ސަރުކާރުން، ކެބިނެޓްގެ މެންބަރެއްވިޔަސް އެމްޑީއެއްވިޔަސް ފުރުސަތެއްނުދެއްވާނެ، އެއްވެސް ބޭފުޅަކު ކޮރަޕްޝަނަކަށް ފުރުސަތެއް ނުދެއްވާނެ، އެހެންވީމާ ސާފު ދެފުށް ފެންނަ، ހިންގުންތެރި ގާބިލް ސަރުކާރެއް އެކުލަވާލުމުގެ ވިސްނުމުގައި ޓީމު ނަގާފައި ވަނީ،"
ޚަބަރު
ޚަބަރު
ޚަބަރު