ސަރުކާރުގެ އިސް މަގާމުތަކުގައި އަންހެނުން ގިނަވާނެ ކަމަށާއި އެސްއޯއީ ކުންފުނިތަކުގެ ތެރެއިން ހަ ކުންފުންޏެއް މެނޭޖުކޮށް ހިންގަން ތިބޭނީ އެކަމަށް ގާބިލު އަންހެން ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ، ޖުމްލަ 22 މިނިސްޓްރީ އާއި ކުންފުނިތަކާއެކު، ސަރުކާރުގެ ޓޮޕް މެނޭޖުމެންޓްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ސަރުކާރު ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ކެބިނެޓްގައި އަންހެން ބޭފުޅުން މަދު ނަަމަވެސް ސަރުކާރުގެ ޓޮޕް މެނޭޖުމެންޓުން ވީހާވެސް ގިނަ އަންހެން ބޭފުޅުންނަށް ފުރުސަތު ދެއްވަން ބޭނުންފުޅު ވާކަމަށެވެ. ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރު ކުންފުނިތައް ހިންގުން އަންހެން ބޭފުޅުންނާ ހަވާލު ކޮށްފައިނުވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، މުހިއްމު ހަ ކުންފުންޏެއް ހިންގުމަށް އަންހެން ބޭފުޅުންނާ ހަވާލު ކުރުމަށް މިހާރުވެސް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިތަކުގެ ނަމެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ.

"މިއަަދާހަމައަށް އައި އިރުވެސް ސަރުކާރުގެ ކުންފުނިތައް ހިންގުމަކަށް އެންމެ ބޭފުޅަކު އެސްއޯއީއެއް ހިންގަން ލައިފަ ހުރި އެކެއް ނުވަތަ ދޭން، އެކަމަކު މިހާރުވެސް މި ސަރުކާރުން އެކުލަވާލާފައިވާ ޓީމުގައި މުހިއްމު ހަ ކުންފުންޏެއް މެނޭޖު ކުރާނީ ކަމަށް ގާބިލް އަންހެން ބޭފުޅުން، މުޅި ކެބިނެޓްގެ ނިސްބަތުން އެހާގިނަ ނޫނަސް ޓޮޕް މެނޭޖުމެންޓް އެއްކޮށްލާ އިރު އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖުމެންޓެއް އޮންނާނީ، ކެބިނެޓާއި ކުންފުނިތައް އެއްކޮށްލީމަ މި ސަރުކާރު،"

މުއިއްޒު ވިދާޅުވީ، މަގާމުތަކަށް އައްޔަން ކުރެއްވުމުގައި ވީވަރަކުން ބައްލަވާފައި ވަނީ، އެދާއިރާއާއަކާ ގުޅޭ ބޭފުޅަކު އަދި އެ ދާއިރާއަކުން ކިޔަވައިގެން ހުންނެވި އެ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅުން އެ ދާއިރާތަކަށް އައްޔަން ކުރެއްވުމަށް ކަމަށެވެ. ދާއިރާއިން ތަޖުރިބާ ލިބިވަޑައގެންފައި ނެތް ބޭފުޅެއްނަމަ ބައްލަވަނީ، ހަވާލުކުރައްވާ ޕޯޓްފޯލިއޯއެއް ހިންގޭ އަދި އެ ދާއިރާއަކާ ވީހާވެސް ގުޅުން އޮންނަ ބޭފުޅަކު އައްޔަން ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނުގެ ޓީމުގައި ހިމެނޭ ބޭފުޅުން އެއްކޮށްލާ އިރު، ކުޑަމިނުން ތައުލީމީގޮތުން ފުރަތަމަ ޑީގުރީ އަދި އެންމެ ކުޑަމިނުން ތަޖުރިބާގެ ގޮތުން ސީދާ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހުން ހިމެނޭނެ ކަމަށާއި އެބޭފުޅަކީ ތެދުވެރިކަމާއި ހިދުމަތް ފޯރުކޮށްދިނުމުގެ ފުރިހަމަ ޔަގީންކަން އޮތް ބޭފުޅުން ކަމަށްވެސް ވިދާޅުވިއެވެ.