އެންމެ ގިނަ ރޭ ނިދިން މަހުރޫމުވީ ކޮވިޑު-19އާ ގުޅިގެން ކަމަށާއި އެއީ އެމަނިކުފާނުގެ ހަޔާތުގެ އިމްތިހާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކުރައްވައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އެކަނިކުފާނުގެ ދައުރުގައި ކުރަންފެށި މަސައްކަތްތަކަށް އެންމެ ބޮޑު ހުރަހަކަށް ވީ ކޮވިޑުގެ ބަލިމަޑުކަން ކަމަށެވެ. އަދި އެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެ ހުއްޓުން އެރުމުން ރާއްޖޭގެ ބޯޑަރު ބަންދުކުރުން ނޫން އެހެން ގޮތެއް ނެތިގެން ދިޔަ ކަމަށާއި ފަތުރުވެރިންގެ ބަދަލުގައި ރިސޯޓުތަކަށް ރެޔާއި ދުވާލު އުފުލަން ޖެހުނީ ބަލި މީހުން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާމްދަނީގެ ގޮތުން ގައުމު އަތްފައި ބަނދެވި ފުރަބަންދުވި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތިނުވެ ލިބޭނެގޮތް ކަށަވަރުކޮށްދެއްވި ކަމަށެވެ. އަދި އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެއެރި ކަމަށާއި އެ ބަލީގެ ބިރުވެރިކަން ދެ އަހަރަށް ދެމިގެން ދިޔަ ކަމަށެވެ.
"ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޯވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާނު. އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަހުރޫމުވާން މަޖުބޫރުވި ހާލަތަކީ އެއީ. އެހެން ނަމަވެސް، اللهُ ގެ ރަހުމަތްފުޅު ކިތަންމެހާވެސް ތަނަވަސް،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ގިނަ މަސައްކަތްތަކެއް ކުރެވި، ބޯޑަރު ހުޅުވި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ކަމަށާއި އެޔަށް ފަހު ފަތުރުވެރިކަމާއި އިގުތިސޯދު ކުރިއެކޭ އެއްގޮތަށް ރުޖޫއަކުރެވުމުގައި ލިބުނު ކާމިޔާބީ ބޮޑު ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑަކީ އާންމުކޮށް ދައުލަތުގެ ހުރިހާ ހިދުމަތްތެރިންގެ ގުރުބާނީ ގައުމަށް ވެދުންކުރި ކާރިސާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން ދެއްކި ފުރިހަމަ ނަމޫނާއަކީ ގައުމަކުން ފެންނާނެ އެންމެ ރީތި މިސާލު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު