ގާޒާގެ ސިއްހީ ނިޒާމު ދެން އަނބުރާ އިއާދަ ނުކުރެވޭނެ ކަމަށް ރެޑް ކްރޮސް އިން ބުނެފިއެވެ.

ރެޑް ކްރޮސް އިން ވަނީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމު އިޔާދަނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ސިއްހީ ފަރުވާދޭ އާލާތްތަކާއި ހިދުމަތްތެރީންނަށްވެސް ހަމަލާ އަމާޒުވެފައިވާކަން ފާހަގަކޮށްފައެވެ.

އިންޓަނޭޝަނަލް ކޮމެޓީ އޮފް ރެޑް ކްރޮސް އިން ވަނީ އެ އިދާރާގެ ޓީމުތައް ބެދުވެރިކޮށް އަސާސީ ތަކެތި ސިއްހީ ހިދުމަތްދޭ ތަންތަނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ. އެ އިދާރާއިން ބުނީ އެ މަސައްކަތުގެ ތެރެއިން ފެނުނީ ހިތްދަތި މަންޒަރުތަކެއް ކަން ފާހަގަކޮށްފައެވެ.

ފަލަސްތީނުގައި ޝަހީދުވާ މީހުންގެ އަދަދު އިތުރުވެ ސިއްހީ ނިޒާމަށް ހަމަލާތައް އަމާޒުވެ އެމްބިއުލާންސް ތަކަށްވެސް ނުރައްކާވެފައިވާ ކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އިސްރާއީލުން ވަނީ ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް "އަލް ޝިފާ" އަށް ހުކުރު ދުވަހު ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް ވަނީ އަރާފައެވެ.