ސެޓެލައިޓް ބޭނުންކޮށްގެން ދޫކުރާ ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް އެލޮން މަސްކްގެ "ސްޓާލިންކް" ކުންފުނިން ރާއްޖެއަށް ދޭން ފަށައިފި އެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ހިދުމަތުން 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭނެ އެވެ.
މި ހިދުމަތަށް މަހަކު ގާތްގަނޑަކަށް 1000 ރުފިޔާ ދައްކަން ޖެހެއެވެ. މި ކަމަށް ބޭނުންވާ ތަކެތީގެ ތެރޭގައި، ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެއް ހިމެނެއެވެ. މި ޕެކޭޖުގެ އަގަކީ ޝިޕިންއާ އެކު 10،300ރ. އެވެ. މި ސާމާނު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް މި ހިދުމަތް މިހާރު ބޭނުން ކުރެވޭއިރު ކަނޑުމަތީގައިވެސް އިންޓަނެޓް ބޭނުން ކުރެވޭނެއެވެ. އަދި މި ސުޕީޑް ލިބޭނެއެވެ.
ސުޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމަށް ލައިސަންސް ދޫކުރީ މިއަހަރުގެ އޯގަސްޓު މަހު އެވެ. ރާއްޖެއަކީ ސްޓާލިންކަށް ލައިސަންސް ދޫކުރި ދެކުނު އޭޝިއާގެ ފުރަތަމަ ގައުމެވެ. ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުތަކަށް މިހާރު ވެސް އަންނަނީ ދެމުންނެވެ.
ސެޓެލައިޓް އިންޓަނެޓް ދިނުމުގައި ދެވަނައެއް ނެތް އެލޮން މަސްކުގެ ސްޓާލިންކް ދުނިޔޭގެ އެކި ހިސާބުތަކަށް ދެމުން އަންނަ އިރު ނިމިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި މި ހިދުމަތް ހޯދާ މީހުން ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. ސުޓާލިންކުން އިންޓަނެޓް ފޯރުކޮށްދޭ އާންމު ސްޕީޑަކީ 300 އެމްބީޕީއެސްގެ ސުޕީޑެވެ. އެހެންކަމުން އެ ކުންފުނީގެ ހިދުމަތް ގިނަ ބަޔަކު ހޯދުމުން ނެޓްވޯކަށް ބާރުބޮޑުވެ ތޮއްޖެހުން އަންނަ ކަމަށް ބުނެ އެކި ހިސާބު ތަކަށް ސުޕީޑް ދަށްކުރެއެވެ.
ސްޓާލިންކުން އިންޓަނެޓްގެ ހިދުމަތް މަތިންދާބޯޓާއި، ކަނޑުގެ އުޅަނދުތަކަށްވެސް ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އެހެންކަމުން އާންމުކޮނށް ލިބޭ ކޭބަލް އިންޓަނެޓްގެ ހިދުމަތް ނުލިބޭ ހިސާބެއްގައި އުޅޭ މީހެއް ނަމަ ސްޓާލިންކަކީ އެމީހުންނަށް ލިބޭ އެންމެ ފަސޭހަ އިންޓަނެޓެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު އަދި ބައެއް ރަށްތަކަށް ހައިސުޕީޑް އިންޓަނެޓް ލިބޭ ގައުމެއް ނޫނެވެ. އެހެން ކަމުން މި ހިދުމަތް ލިބުމާ އެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މިހާރު ފަސޭހައިން ސްޓާލިންކް އިންޓަނެޓް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި ފަޅުރަށްތައްވެސް ހިމެނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި