އެމްޑީޕީގެ ލީޑާޝިޕުގައި ތިބި ބޭފުޅުންނަށް ބޭރުގެ ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރެއް ދެއްވައިފިއެވެ.
ނަޝީދު އެފަދަ އިންޒާރެއް ދެއްވީ، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދަށް ބޭރުގެ ޖަމިއްޔާއަކުން ލިބިލެއްވި މަގާމެއްގެ ވާހަކަ ހިއްސާކުރައްވައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެކަމަނާއަށް މަރުހަބާ ދެންނެވުމުންނާއި ނަޝީދު މިހާރު ޔޫއޭއީއަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ 17ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެންނެވެ.
"އަސްލަމް، ތިޔަ ހުރިހާތާކުން އެމްޑީޕީ މީހުން ވަކިކުރާނަން، އަދި ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނަން" މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައިވެއެވެ.
މެމްބަރު އިސްމާއިލް ފޮނުއްވި ސިޓީގައި ނަޝީދު އެ ކޮންފަރެންސަށް ވަޑައިގެންނެވީ މަޖިލީހުގައި މިހާރު އޮތް އެ މަނިކުފާނު ރިޔާސަތުން ވަކިކުރުމުގެ މައްސަލައަށް ފިއްލަވަން ކަމަށް ވިދާޅުވެ، އެ ކޮންފަރެންސްގައި ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދެއްވުމަށް އެދިވަޑަައިގެންފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް، އެމްޑީޕީން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވި، އެމްޑީޕީން މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު ހުކުމް ކުރާނެ ދުވަހެއް އަދި އަންގާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު