2027 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރެޝަންގެ ދަރަނީގެ 90 ޕަސެންޓު ދައްކައި ހަލާސް ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން އެ ކުންފުނީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ފެނަކައިގެ ދަރަނި ބޮޑުވާން ޖެހުނީ މައިގަނޑު ތިން ސަބަބަކާ ގުޅިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ކުންފުނީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރި މަސައްކަތް ކޮވިޑް-19 ގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި އަގުތައް ބޮޑުވުމުން ކަމަށެވެ. އޭނާ ވިދާޅުވީ އަގުތައް ބޮޑުވިއިރު ވެސް ފެނަކައިން ވަނީ އިންފްރާސްޓްރަކްޗާތައް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެކަމުގެ ސަބަބުން ފޯކާސްޓު ކުރި އަދަދަށްވުރެ ދަރަނި ބޮޑުވެގެން ދިޔަ ކަމަށް ސައީދު ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ ފެނާއި ނަރުދަމާއިން ކުންފުންޏަށް ލިބެމުންދިޔަ ބޮޑު އާމްދަނީ ނުލިބުމުގެ ސަބަބުން ކަމަށެވެ. އެކަން އެގޮތަށް މެދުވެރިވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެއް ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ގާނޫނަކުން ކަނޑައެޅުމުގެ ސަބަބުން ކަމަށެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ، ކުންފުންޏަށް ލިބެމުން އައި އާމްދަނީ ދަށްވީ މިނިމަމް ވޭޖު ކަނޑައެޅުމުގެ ސަބަބުން ކަމަށެވެ. އެކަމުގެ ސަބަބުން ފެނަކައިގެ ޕޭރޯލަށް ވަރަށް ބޮޑު ލޮޅުމެއް އައިކަމަށް އޭނާ ވިދާޅުވިއެވެ. ރަށްރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ސަބަބުން ބަޖެޓުން ބޭރުން ބޮޑު ހަރަދެއް ވެސް ކުރަން ޖެހުނުކަމަށް ސައީދު ވިދާޅުވިއެވެ.

"ފެނަކައިގެ އޮތް ދަރަނި އަދާކުރުމަށްޓަކައި އަޅުގަނޑުމެން މިއަދު މި ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2024 ވަނަ އަހަރުގަ އެޕްރީލް މަހާ ހަމައަށް ނިންމަން އަޅުގަނޑުމެން ޓާގެޓްކޮށްފައިވާ ޕްރޮޖެކްޓްތަކެއް. އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސްފަ ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މި ސަރުކާރުން ފެނަކައާ ހަވާލުވެފައިވަނީ އެ ކުންފުނީގެ އާމްދަނީ 40 ޕަސަންޓު އިތުރުކޮށްފައި ކަމަށެވެ. ފެނަކައަކީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ސައީދު ވިދާޅުވިއެވެ. ފެނަކައިގެ އާމްދަނީ 40 ޕަސެންޓަށް އިތުރުވީ ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން ކަމަށެވެ.

2018 ވަނަ އަހަރުގެ ފަހުކޮޅުން ފަށައިގެން ފެނަކައިން ދެމުންގެދިޔަ ހިދުމަތްތަކުގެ ފެންވަރު ވަނީ އެތައް ގުނައެއް މަތިވެފައި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފެނަކައިގެ ވަރަށް ގިނަ ހިދުމަތްތައް ވަނީ އާ ކުރެވިފައި ކަމަށާއި ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށް ވިދާޅުވިއެވެ. އެ ކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތް 40 އަހަރުގެ ތެެރޭގައި ފެނަކައިގެ މައިގަނޑު އިންފްރާސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ކުރަން ޖެހޭނެ ހަމައެކަނި މަސައްކަތަކީ އިންޖީނު ގެނައުމާއި އިންޖީނުތައް ބޮޑު ކުރުމާއި ކުޑަކުރުމުގެ މަސައްކަތްކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނެފައިވަނީ މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ޕީސީބީން ބުނެފައިވާ ގޮތުގައި، ފެނަކައިން ދައްކަން ޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާއިރު އެ ކުންފުނިން އެކި ސަޕްލަޔަރުންނަށް ދައްކަންޖެހޭ އަދަދު ވެސް ހުރީ 2.16 ބިލިއަނުގައެވެ.