ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމް ސަސްޕެންޑުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރުމަށް ނިންމީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގުކުރުމަށްފަހު ކަމަށެވެ.

"ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ނުކުރާކަމާއި މައްސަލަތަކުގެ ހުކުމާއި މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭ ކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަ ދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އިހުމާލުވެފައިވާ ކަމަށާއި އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ދައްކާކަން މި ކޮމިޝަންގެ ތަހުގީގަށް ވަނީ ސާބިތުވެފައި،" ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ މުހައްމަދު އިބްރާހީމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންވެ ޖޭއެސްސީގެ ގާނޫނުގެ ދަށުން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.