ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވަމުން ގެންދަވާތީ، އަމީން އާންމުގެ އެ ނިންމެވުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެމްޑީޕީން ފަރާތުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދަށް ވަނީ ތާވަލުކޮށްފައެވެ.
ނަޝީދުވެސް ނިސްބަތްވާ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރެއްވި، އިލްޔާސް "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އެގޮތުން އިލްޔާސް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއިކުރެއްވި 49 މެންބަރުންގެ ސޮއިގެ ސައްހަ ކަމާމެދުވެސް ސުވާލު އުފައްދަވައިފައެވެ.
"49 މެންބަރުންގެ ވާހަކަ ވިދާޅުވި. އަޅުގަނޑުމެންނަަށް އެހާ ބޮޑަށް ސާފެއް ނޫން މި ކިހިނެތް ސޮއިކޮށްފައި ކަމެއް މިއޮތީ. ބައެއް ބޭފުޅުން ވިދާޅުވޭ އާރަށަށް ގެންގޮސްފައި ސޮއިކުރަން ދިނީމަ ސޮއިކުރީއޭ، ބައެއް ބޭފުޅުން ވިދާޅުވޭ ތިމަންނާ އަސްލުވެސް ހަމަ ހީކުރީ އެޓެންޑެންސް މާކް ކުރަން ގަނޑެއްގައި ސޮއިކުރީއޭ،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ނަޝީދުގެ މައްސަލައިގައި ސޮއިކުރެއްވި ބައެއް ބޭފުޅުން ސޮއިކުރެއްވީ ދާއިރާގެ ބައެއް ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް ބުނުމުންނެވެ. އަދި ސޮއި ނުކޮށްފިނަމަ ފްލެޓް ލިސްޓުން އެ މީހުންގެ ނަންތައް އުނިކުރާނެ ކަމުގެ ބިރުގެ ސަބަބުންނެވެ. އަދި އެހެން ގޮތްގޮތުންވެސް ސަރުކާރުން މެންބަރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް އިލްޔާސް ތުހުމަތުކުރެއްވިއެވެ،
"އަޅުގަނޑުމެންނަށް ފާހަގަވޭ މެމްބަރުން ބްލެކްމެއިލްކޮށްފައި މަސައްކަތް ކުރާކަން، ބިރު ދައްކައިގެން މަސައްކަތް ކުރާކަން. ބައެއް މީހުންގެ މައްސަލަތައް ފުލުސް އޮފީހުގައި، ކޯޓުގައި އަދިވެސް އެކިއެކި ތަންތަނުގައި އެބަހުރި. މި މީހުންގެ މައްސަލަތައް މި ދައުރުގެ ތެރޭގައި ނިންމާލާނެ ކަމަށާއި އެކަހަލަ ކަންކަން ކުރެވޭނެ ކަމަށް،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީ އާއި ގަވައިދުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ޑިމޮކްރެޓްސްއިން އެއްބާރުލުން ދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު