ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނުދީ ފުލެޓު ހަވާލުކުރުމުގެ މަސައްކަތާއި ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ނުގެންދިޔުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ބުނީ ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީން ބުންޏެވެ.

"އެ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތައް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް މިއަދު ވަނީ އަންގާފައި،" އޭސީސީން ބުންޏެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފެލްޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.

ލިސްޓުގައި ޕޮއިންޓު ދީފައި ހުރި ގޮތާމެދު ހިތްހަމަ ނުޖެހި، ގިނަ ބަޔަކު ވަނީ ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނުން ފަށައިގެން އިހުތިޖާޖު ކޮށްފައެވެ. އަދި ޕޮއިންޓު ދިން ގޮތް ހާމަކުރުމަށް ގޮވާލައި، ލިސްޓު ބާތިލުކުރުމަށް ފަހު އަލުން ޕޮއިންޓު ދިނުމަށްވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

މިނިސްޓްރީއަށް އެއްވެ ތިބި މީހުންނާ ބައްދަލުކުރެއްވުމަށް ވަަޑަައިގެން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ، އަކުރަމް ކަމާލުއްދީން ވިދާޅުވީ ލިސްޓާމެދު އެއްވެސް ޝަކުވާއެއް ވާނަމަ ޕޯޓަލް މެދިވެރުކޮށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފްލެޓު އުސޫލުން ބޭރުން ހަވާލުކުރަން އުޅޭކަމަށް ބުނެ އޭސީސީއަށް މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އެކަމާ ގުޅިގެން މީޑިއާތަކާ ވާހަކަ ދައްކަމުން އާމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ ފްލެޓަށް ޕޮއިންޓު ދޭ ގޮތުގެ އުސޫލެއް ނެތް ކަމަށާއި، އެހެން ކަމުން ޕޮއިންޓު ދީފައި ހުރީ ކިހިނެތްކަން ސާފު ނުވާ ކަމަށެވެ.

"އޭސީސީން މިއަދު ޖަވާބު ދޭން ޖެހޭ ދުވަސް، އާދިއްތަ ދުވަސް މިއީ. އެހެން އޮއްވާ ހޮނިހިރު ދުވަހެއްގަ ލިސްޓު ނެރެގެން މި އުޅެނީ" މިދުއަމް ވިދާޅުވިއެވެ.

މިދުއަމް ވިދާޅުވީ ފްލެޓު ލިބުނު އެންމެނަކީ ފްލެޓު ލިބުމަށް ޝަރުތު ހަމަނުވާ ބައެކޭ ނުދެންނެވޭނެ ކަމަށާއި ނަމަވެސް އެކަން ކޮށްފައި އޮތް އުސޫލު ކަމުނުދާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ އިއްޔެއެވެ. 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންދާ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނެވެ.