ލެސްޓާ ސިޓީއަށް ކުޅެމުންދާ އިންގްލެންޑްގެ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ ފަލަސްތީނަށް ތާއީދުކޮށް ޖެހި ޕޯސްޓެއްގެ ސަބަބުން އިނގިރޭސި އެފްއޭއިން އެ ކްލަބަށް ސިޓީއަށް ފޮނުވައިފިއެވެ.

ބަންގްލަދޭޝް އާއިލާއަކަށް އުފަން މުސްލިމް ކުޅުންތެެރިއެއް ކަމަށްވާ ހަމްޒާ، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލްގެ އަނިޔާވެރި ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް ބުނެފައި ވަނީ "ކޯރުން ފެށިގެން ކަނޑަށް ފަލަސްތީނު މިނިވަންވާނެ،" ކަމަށެވެ. އެއީ މުސްލިމުން ފަލަސްތީނު މިނިވަން ކަމަށް އާންމުކޮށް ކުރާ ޕޯސްޓެކެވެ.

އެ ޕޯސްޓާއެކު އެފްއޭއިން ލެސްޓާއަށް ފޮނުވި ސިޓީއެއްގައި ބުނީ ކުޅުންތެރިން އެފަދަ 'ފްރޭސް' ތައް ބޭނުން ނުކުރެވޭނެ ކަމަށާއި އެ ޕޯސްޓުން އަނިޔާވެރިވާން ބާރުއަޅައި ކަމަށެވެ.

އެފްއޭގެ ސިޓީ އާއެކު ހަމްޒާ ވަނީ މިހާރު އެކްސްގައި މައާފަށް އެދިފައެވެ. ހަމްޒާ މައާފަށް އެދުނީ އޭގެ ނުބައި މާނައެއް ދޭހަވެދާނެ ކަމަށް ބުނެއެވެ. އަދި ހަމްޒާ ބުނީ އެ ޕޯސްޓުގެ މަހުފޫމް އޮޅުވާލުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.

އިސްރާއީލްގެ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީން ގައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އާންމުންގެ އެތައް ހާސް ބަޔަކާއި އެތައް ހާސް ކުޑަކުދިންނެއްވެސް ހިމެނެއެވެ. އިސްރާއީލްގެ އަނިޔާވެރިކަން ހައްދުން ނައްޓައި، ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތައްވެސް ވަނީ ސުންނާފަތި ކޮށްލައިފައެވެ.