ހިޔާ ފުލެޓުތަކުގެ ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކުރުމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި 200 މިިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓު ފޮތުގައިވާ ގޮތުން، ހިޔާ ފްލެޓަށް ލިފްޓް އިތުރުކުރަން ހިމަނާފައިވަނީ ހާއްސަ ބަޖެޓުގެ ދަށުންނެވެ.

އެގޮތުން ހިޔާ ފްލެޓަށް ލިފްޓް އިތުރުކުރަން ހިމަނާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ތެރޭގައެވެ. ލިފްޓް ހަރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހިޔާ ސަރަހައްދަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓަށް ލިފްޓް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން މިމަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ ފުލެޓުތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ކަމަށާއި އޭގެ ތެރެއިން އެއް ލިފްޓަކީ ބަލި މީހުން އުފުލާ ސްޓެރެޗާ އެރުވޭ ވަރުގެ ލިފްޓެއް ކަމަށެވެ.